އަންނަ މަހަކީ ރާއްޖެ އަށް އެންމެ ހޫނުގަދަ ވާނެ މަސްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފި އެވެ.
އެ އިދާރާ އިން ބުނީ ކޮންމެ އަހަރެއް ވެސް މާޗް މަހާއި އެޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ. އަދި މި ދުވަސްވަރު ވިލާ މަދުވެފައި، ވައިމަޑުވެ، ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާ ކަމަށް ބުންޏެވެ.
އެހެންވެ މީގެސަބަބުން، އާންމު ވައިގެ ހޫނުމިނަށް ވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވެގެންދެ ދެ އެވެ. މިއާ އެކު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުވެ ސް ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ހޫނު ގަދަ ވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުންޏެވެ.
އެތަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބަކަށް ބޯކޮށް ވާރޭވެހިފައެއް ނުވެ އެވެ.
މެޓް އޮފީހުން ބުނީ ވާރޭ ވެހުން ވަރަށް ބޮޑަށް މަދުވެފައިވާ އިރު، އަންނަ މަހަކީ ރާއްޖެއަށް އެންމެ ހޫނުވާނެ މަސްކަމަށެވެ. އެކަމަކު އެޕްރީލް މަހުގެ މެދުތެރޭގައި މިހާރު މިވާ ހޫނުމިން ނިމުމަކަށް އަންނާނެ ކަމަށް ބުންޏެވެ.