Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ސޯލިހު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އައްޑޫ އަތޮވެރިކަމުގެ މަގާމާ އެކު ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަހުމަދު ސޯލިހް އަލިދީދީ އަވަހާރަވުމުގެ ހިތާމައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަހުމަދު ސޯލިހު އަވަހާރަވުމުގެ ހިތާމައިގައި، އައްޑޫގެ ރައްޔިތުންނަށާއި އެ އާއިލާއަށް ނުހަނު އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށެވެ.

ހިތަދު އަށް ނިސްބަތް ސޯލިހް އަލިދީދީ އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) ގަ އެވެ. އަވަހާރަވި އިރު އުމުރަކީ 92 އެވެ.

ސޯލިހް އަލިދީދީގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މިރޭގެ އިޝާ ނަމާދަށް ފަހު ހިތަދޫ ހުސައިން މޫސާ މިސްކިތުގަ އެވެ. މޫނު ދެއްކުން އާއިލާގެ ފަރާތުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ފެހިވިލާގޭގައި މެންދުރު ފަހު 2:00 އިން ފެށިގެން އިރުއޮއްސި 8:30 އާ ހަމައަށެވެ.

ސޯލިހު އަލިދީދީ ވަނީ ދައުލަތަށް 45 އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އަތޮޅުވެރިކަމާއޮ ހިތަދޫ ކަތީބުކަމާއިއައްޑު އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ވެސް ހިމެނެ އެވެ. އަދި ގަން އެއާޕޯޓުގެ މެނޭޖަރުކަމާއި ގަމުގެ އެސްޓީއޯގެ މެނޭޖަރުކަމާއި ހިތަދޫގެ ސްޓެލްކޯގެ މެނޭޖަރުކަމާއި ޑެޕިއުޓީ މެނޭޖަރުކަން އަހުމަދު ސޯލިހު އަލިދީދީ ކުރެއްވި އެވެ.

އޭނާ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1965 ގަ އެވެ. އަދި ރިޓަޔާ ކުރެއްވީ 2009 ގަ އެވެ.

ސޯލިހް އަލިދީދީގެ އިޖުތިމާއީ މަސައްކަތްތައް ފާހަގަކޮށް އައްޑޫ ސިޓީ ކައުންސިލުން ޝަރަފުވެރިކަމުގެ އެވޯޑެއް ވެސް އަރުވާފައިވެ އެވެ.

އޭނަ އަވަހާރަވުމާ ގުޅިގެން ރައީސް މުއިއްޒުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ތައުޒިޔާ ވިދާޅުވެފައިވެ އެވެ.