ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހުދުމުހުތާރުވުމުގެ ވިސްނުމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުނައްވަރު ވިދާޅުވީ ދެ އިންތިޚާބު އެއް ތާރީޚެއްގައި ނުވަތަ އެކުގައި ބޭއްވުމަކީ ދައުލަތް ހިންގުމުގައި އިސްކޮށް ތިބޭ މީހުން ޖަވާބުދާރީ ކުރުވުމާ ދުރު ކުރުވުމެއް ކަމަށާއި އަދި އެއީ ޚުދުމުޚުތާރުވުމުގެ ވިސްނުމެއް ކަމަށެވެ.
"ގިނަގިނައިން އެވެރިން ރައްޔިތުންގެ ގާތަށް އަންނަންޖެހޭ ގޮތަށް ބާއްވަވާށެވެ،" މުނައްވަރު ވިދާޅުވި އެވެ.
ދެ އިންތިޚާބު އެއް ތާރީޚެއްގައި ނުވަތަ އެކުގައި ބޭއްވުމަކީ ދައުލަތް ހިންގުމުގައި އިސްކޮށް ތިބޭ މީހުން ޖަވާބުދާރީ ކުރުވުމާ ދުރު ކުރުވުމެކެވެ. ޚުދުމުޚުތާރުވުމުގެ ވިސްނުމެކެވެ. ގިނަގިނައިން އެވެރިން ރައްޔިތުންގެ ގާތަށް އަންނަންޖެހޭ ގޮތަށް ބާއްވަވާށެވެ.
— Mohamed Munavvar (@MMunavvar) March 28, 2026
އިދިކޮޅު އެމްޑީޕީއިން ދަނީ ފެންނަ ނުފެންނަ ވޯޓަށް "ނޫނެކޭ" ބުނެ ޖަލްސާތަކާއި ކެމްޕއިން ހަރަކާތްތައް ހިންގަމުންނެވެ. ނަަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޑިމޮކްރަސީގެ ސިފައެއް ކަމަށާއި އިންތިހާބު ގިނަވުމަކީ ހަރަދު ބޮޑުވެ އަދި ގައުމުގެ ހަމަޖެހުން ގެއްލޭ ކަމެއް ކަމަށް ބުނަމުންނެވެ.