އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޝަހީމްގެ މި ދަތުރުފުޅަކީ މަދީނާގައި ކުރިއަށްދާ 'ޢުމްރާ އެންޑް ޒިޔާރާ ފޯރަމް 2026’ގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތް ޢިމާރާތް ކުރުމުގެ ފަހުމުނާމާގައި ސަޢުދީ ޢަރަބިއްޔާގެ ކުންފުންޏަކާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދުވާ ގުޅުން ވަނީ އިތުރަށް ހަރުދަނާވެގެންގޮސްފަ އެވެ. މިގޮތުން ޙައްޖާއި ގުޅޭ ކަންކަމުގައި ސަޢުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ދެމުންނެވެ.
އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ބެހޭ ވުޒާރާއާއި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ގުޅިގެންވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީއާއި ވުޒާރާއާއި ގުޅިގެންވެސް މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.