ކުރިއަށްއޮތް ތިން ހަފުތާގެ ތެރޭގައި ގިރާވަރުފަޅު ހިއްކައި ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އެމްއޭސީއެލުން ފެށީ މި އަހަރުގެ ޖެނުއަރީ 30 ގަ އެވެ. އެ ކުންފުނިން ހިއްކަނީ ގިރާވަރުފަޅުން ނުހިއްކައި އޮތް 97.15 ހެކްޓަރުގެ ބިމެވެ. ބިން ހިއްކަމުން އަންނަނީ މިހާރު ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގިރާވަރުފަޅަށް ބައެއް ވަޒީރުންނާއި މާލެ ދާއިރާގެ މަޖިލިސް މެންބަރުންނާއި އެމްއޭސީއެލްގެ އިސްވެރިންނާއެކު މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެެއިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންގޮސް ނިންމާލުމަށް ސަރުކާރުން އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ކުރިއަށްއޮތް ތިން ހަފުތާގެ ތެރޭ ބިން ހިއްކައި ނިމުމުން ގޯތި ދޫކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
"ވީހާވެސް އަވަހަކަށް ތިން ހަފުތާ ތެރޭ ބިން ހިއްކައި ނިމުނީމައި ސާވޭކޮށް ގޯތިތައް ހަވާލުކުރުން އެއީ ސަރުކާރުގެ ވިސްނުމަކީ، އެއާ އެއްކޮށް މިތަނުގެ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ އަދި މަގު ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށޭތޯ މަސައްކަތް ކުރާނަން. އެހެންނަމަވެސް މިހާރު ފޯކަސްއަކީ އެބަޔަކަށް ލިބޭ ގޯތި ކަޑަޖާފައި އެބަޔަކާ ހަވާލުކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގިރާވަރުފަޅުން ގޯތި ދޭން ވެގެން ހަދާފައިވާ ލޭންޑް ޔޫޒް ޕްލޭނަކީ މީހުން ދިރިއުޅޭ އާބަން ސިޓީއަކަށް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ނޫން ކަމަށެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރު ހިއްކަން ހަމަޖެހިފައިވެ އެވެ.
ގިރާވަރުފަޅުން ދޫކުރަނީ 1،250 އަކަފޫޓުގެ 2،605 ޕްލޮޓާއި 1،650 އަކަފޫޓުގެ 1،213 ޕްލޮޓާއި 2050 އަކަފޫޓުގެ 253 ޕްލޮޓުގެ އިތުރުން 2،450 އަކަފޫޓުގެ އެއް ޕްލޮޓެވެ.