ކަސްޓަމްސް އަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަން އިއުލާންކޮށްފި އެވެ.
އެތަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެސިސްޓަންޓް ކަސްޓަމްސް އޮފިސަ ޓްރޭނީގެ މަގާމަށް 48 މީހުން ބޭނުންވާ ކަމަށެވެ. އެހެންވެ އެ ވަޒީފާތަކަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 1 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް ސަރުކާރުގެ އޮފިސްތަކާއި ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާ ދެމުންދާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މިއީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށްފައިވެ އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އިންތިހާބަށް ހާއްސަކޮށްގެން ވަޒީފާކަށް މީހުން ނުނަގާ ކަމަށެވެ. ގިނަ އަދަދެއްގެ ވަޒީފާތަކަށް މި ދަނޑިވަޅުގައި ދެމުންދާތީ ފިނޭންސް މިނިސްޓަރު މޫސާ ސަމީރު ވަނީ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސައިލަން އަންގަވައިފަ އެވެ.
ކަސްޓަމްސް އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން މިއަދު އިއުލާންކުރު އިރު، މިދިޔަ އަހަރުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު މެއި މަހުގެ ތެރޭގައި 164 މުވައްޒަފުން ހޯދަން އިއުލާންކުރި އެވެ.
މި މަހުގެ 1 އިން ފެށިގެން ކަސްޓަމްސް މުވައްޒަފުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފަ އެވެ.