Last Updated: June 5, 06:06
Friday, June 5, 2026
ދުނިޔެ

އެމެރިކާގެ ގައުމީ ދަރަނި އިންތިހާ އަށް ބޮޑުވެއްޖެ!

އެމެރިކާގެ ޤައުމީ ދަރަނި މި ވަނީ، ތާރީޚީ ގޮތުން 39 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައިފަ އެވެ.

މިއީ، އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފެށިތާ ހަފްތާއެއްހައި ދުވަސް ފަހުން، އެމެރިކާގެ އިޤުތިޞާދަށް ލިބުނު ވަރަށް ވޭންދެނިވި ކުރިއެރުމެކެވެ. ދިފާޢީ ޚަރަދާއި، ޓެކުހުގެ ސިޔާސަތުތަކާއި، އިޤުތިޞާދީ ހަމަޖެހުން ހިމެނޭހެން އެތައް ސަތޭކަ މައްސަލަތަކެއްގެ ތަވާޒުނު ހިފެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ އިރު، އެމެރިކާގެ ދަރަނި މިހައި ހަލުއިކޮށް މައްޗަށް ދިއުމުން ދައްކުވައި ދެނީ، އެ ޤައުމުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ޕްރެޝަރެވެ.

އިޤުތިޞާދީ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ވަނީ ދަރަނި ނެގުމުގެ ދުވެލި އަވަސްވުމުގެ ސަބަބުން، އިޤުތިޞާދު ހިންގައި ބެލެހެއްޓުމުގައި އިންތިހާއަށް ދަތިވަމުންދާ ކަމަށް އިންޒާރުކޮށްފަ އެވެ.

އެމެރިކާގެ ޤައުމީ ދަރަނި މިހައި ބޮޑަށް މައްޗަށް ގޮސްފައި ވަނީ، އެމެރިކާ ސަރުކާރުގެ އަހަރީ އާމްދަނީއަށް ވުރެ، ސަރުކާރުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުންނެވެ. އަދި، އެއީ ތަކުރާރުކޮށް އެތައް އަހަރެއް ވަންދެން އާމްދަނީއާއި ނުބައްދަލު ޚަރަދުތައް ކުރުމުގެ ހިތި ނަތީޖާއެވެ. އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، 2025 ވަނަ މާލީ އަހަރުގެ އެމެރިކާ ސަރުކާރުގެ ޖުމްލަ ޚަރަދަކީ ގާތްގަނޑަކަށް 7.01 ޓްރިލިއަން ޑޮލަރެވެ. އެކަމަކު، އެ އަހަރުގެ އާމްދަނީއަކީ ގާތްގަނޑަކަށް 5.23 ޓްރިލިއަން ޑޮލަރެވެ. އޭގެ ސަބަބުން ގާތްގަނޑަކަށް 1.78 ޓްރިލިއަން ޑޮލަރުގެ ޑެފިސިޓެއް އުފެދިފައިވެ އެވެ.

މިއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު ކުޑަކުޑަ ކުރިއެރުމެއް ކަމުގައި ވިޔަސް، އަހަރުން އަހަރަށް ދަރަނި ބޮޑުވެ، ޖުމްލަ ދަރަނީގެ ނިސްބަތް އަންނަނީ އިންތިހާއަށް ބޮޑުވަމުންނެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި، އެމެރިކާގެ ޤައުމީ ދަރަނި ބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ސީދާ އަސަރުތަކެއް ކޮށްފާނެއެވެ. ސަރުކާރުގެ ދަރަނި ބޮޑުވުމަކީ އިންޓަރެސްޓް ރޭޓް މަތިވެ، ގެދޮރުގެ ލޯނާއި، ކާރު ފައިނޭންސް ކުރުމުގެ އަގު ބޮޑުވެދާނެ ކަމެކެވެ. މީގެ އިތުރުން ވިޔަފާރީގެ ވުނަތައް ވެސް ހުދޫދު ކުރެވި، އޭގެސަބަބުން އިޤުތިޞާދީ ކުރިއެރުން މަޑުޖެހި، މަސައްކަތްތެރިންގެ އުޖޫރައަށްވެސް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ. ކޮންމެއަކަސް، ވަގުތު ފާއިތުވަމުން ދާވަރަކަށް، މި ޙާލަތުގެ ސަބަބުން މުދަލާއި، ޚިދުމަތުގެ އަގު ބޮޑުވެ، ގޭބިސީތަކުގެ ޚަރަދަށް އިތުރު ޕްރެޝަރެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.

މި ޓްރެންޑް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ދެމިއޮތުމާ މެދު މާލީ ތަޖުރިބާކާރުންނާއި، މޮނިޓަރިން އޭޖެންސީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމީހުން ދެކޭ ގޮތުގައި ސާފު އިސްތިރާޖީއެއް ނެތި ބޮޑެތި ދަރަނިތައް ނަގަމުން ގެންދިއުމަކީ އަންނަން އޮތް ޖީލުތަކަށް ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހިދާނެ ކަމެކެވެ. މި ދުވެލީގައި ދަރަނި ބޮޑުވަމުންދާނަމަ، އެމެރިކާގެ ޤައުމީ ދަރަނި ވަރަށް އަވަހަށް 40 ޓްރިލިއަން ޑޮލަރު ފަހަނައަޅައި ހިނގައިދާނެ ކަމަށް ލަފާކުރެވޭއިރު، އެއީ މާލީގޮތުން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެމެރިކާގެ ޤައުމީ ދަރަނި އިތުރުވުމަކީ ވަކި ސަރުކާރަކާއި ނުވަތަ ވަކި ސިޔާސީ ޕާޓީއަކާ ގުޅިފައިވާ ކަމެއް ނޫނެވެ.

އޭގެ ބަދަލުގައި ބޮޑެ ދެ ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕާޓީއާއި، ޑިމޮކްރެޓިކް ޕާޓީގެ ވެރިކަންތަކުގައި ވެސް ވަގުތާއެކު ދަރަނި އިތުރުވަމުން ގޮސްފައިވާކަން ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. އެކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޢާލަމީ އެކިއެކި މުޞީބާތްތަކުގެ ތެރޭގައި ސަރުކާރުން ބޮޑެތި ޚަރަދުތައް ކުރުމާއި، އިޤުތިޞާދީ ޕެކޭޖްތަކާއި، ޓެކްސް ކުޑަކުރުމާއި، އަދި، މުޅި ދުނިޔޭގައި ހަންފެތުރުމަށް އެމެރިކާއާއި އިޒުރޭލުން ހިންގާ ޣައިރު ޤާނޫނީ ހަނގުރާމަތަކަށް ޚަރަދުކުރުން ހިމެނެއެވެ.
އެކަމަކު، އެމެރިކާ ސަރުކާރުގެ މަންދޫބުން، ބުނަނީ މާލީ ޙާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

ބައެއް އޮފިޝަލުން ބުނާ ގޮތުގައި އަހަރީ ޑެފިސިޓް ދަށްވެފައިވަނީ، ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެ، ކޮންމެހެން ނުޖެހޭ ހަރަދުތައް މަދުވުމުގެ ސަބަބުންނެވެ. އަދި އެމެރިކާގެ މަރުކަޒީ ސަރުކާރުގެ މުވައްޒަފުންގެ ޢަދަދު ކޮންޓްރޯލް ކުރުމާއި، ވެލްފެއާ ނިޒާމުގެ ތެރޭގައި ހިންގޭ ޚިޔާނާތްތައް ހުއްޓުވުމަކީ ވެސް މާލީދާއިރާގެ ހިންގުން ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމުގައެވެ.

އަނެއްކޮޅުން، އެމެރިކާއިން އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މާލީ ބުރަ ވަނީ އެތައް ގުނައެއް ބޮޑުވެފައެވެ. 2026 ވަނަ އަހަރުގެ މާރިޗު މަހުގެ އަންދާޒާތަކަށް ބަލާއިރު، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައަށް ދުވާލަކު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރާއި ދެ ބިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެއް ހޭދަކުރަމުންދާ ކަމަށް ޑީ.ޑަބްލިއު ޑޮޓްކޮމް އާއި އަންހާރޑުގެ ރިޕޯޓްތަކުން ދައްކައެވެ.

ރިޕޯޓްތައް ބުނާގޮތުން، އެމެރިކާއިން މިހާރުވެސް މިހަނގުރާމައަށް އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްފައިވާއިރު، އޭގެސަބަބުން ސަރުކާރުގެ ވަސީލަތްތަކަށް ވަނީ އިއާދަ ނުކުރެވޭފަދަ ގެއްލުންތަކެއް ކުރިމަތިވެފައެވެ. ހަނގުރާމައިގެ ޖުމްލަ ޚަރަދު ބިނާވެފައި އޮންނާނީ ހަނގުރާމަ ކުރިއަށްދާ މުއްދަތާއި، އެމެރިކާ އެކަމުގައި ބައިވެރިވާ ފުންމިނެއްގެ މައްޗަށެވެ.

ޖުމްލަކޮށް ބަލާއިރު މި ޙާލަތުން ދައްކުވައިދެނީ އިސްތިޢުމާރީ ސިޔާސަތުތަކާ އެކު ޒަމާނީ ބޮޑު އިޤުތިޞާދެއް ހިންގައި ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކެވެ. އެމެރިކާއިން ވިސްނުންތެރި ކަމާއެކު، ކުރު މުއްދަތުގެ ފިޔަވަޅުތަކެއް އަޅައިފިނަމަ، ދަރަނި ބޮޑުވުމުގެ ދުވެލި ކޮންމެވެސް މިންވަރަކަށް ޙައްލު ކުރެވިދާނެއެވެ. ނަމަވެސް، ދިގު މުއްދަތުގެ ޙައްލުތަކެއް ބޭނުންވާނަމަ، ޚަރަދުތައް ކޮންޓްރޯލްކުރުމާއި، އާމްދަނީ އިތުރުކުރުމާއި، އިސްތިޢުމާރީ ޙަރަކާތްތައް މަޑުޖައްސައިލުމާއި، ވިސްނުންތެރި ސިޔާސަތުތަކެއް ކަނޑައެޅުން މުހިންމުވާނެއެ ވެ.

އެމެރިކާގެ ޤައުމީ ދަރަނި އިތުރުވުމަކީ ކުރިއަށް އޮތް އަހަރުތަކުގައިވެ ސް އިޤުތިޞާދީ ނިންމުންތަކަށް ނޭދެވޭ އަސަރުތަކެއް ކޮށް، އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމެކެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.