ޖެނުއަރީގައި ރިލީޒްކުރި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިލްމު 'މަރުދާނީ 3' ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށައިފި އެވެ.
ޖެނުއަރީ 30 ގައި ސިނަމާތަކަށް ގެނައި މި ފިލްމަކީ އޭނަގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދެމުން އަންނަ 'މަރުދާނީ' ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. ރާނީ ފުލުހެއްގެ ރޯލު ކުޅެމުން އަންނަ މި ފްރެންޗައިޒްގެ ތިން ވަނަ ޑައިރެކްޓްކުރީ އަބިރާޖް މިނަވާލާ އެވެ.
ބެލުންތެރިންގެ ފުދޭ ވަރެއްގެ ބޮޑު ތަރުހީބެއް ލިބުނު 'މަރުދާނީ 3' އަކީ ބޮކްސް އޮފީހުގައި 78.17 ކްރޯޑް ރުޕީސް (8.2 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ. ފިލްމު ހެދީ 60 ކްރޯޑް ރުޕީސް (6.3 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރާނީގެ އިތުރު ފިލްމެއް ވެސް މި އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. އެއީ ޑިސެމްބަރުގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް ޝާހްރުކް ޚާންގެ 'ކިންގް' އެވެ.