ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޭ ބޭއްވި އަހަރީ ސްޓާފް އެވޯޑް ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.
މި ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "އެމްޕްލޯއީ އޮފް ދަ އިޔާ" އެވޯޑް މިއަހަރު ހާސިލްކުރީ ހެޑް އޮފް ބިޒްނަސް ސިސްޓަމްސް (ޓެކްނޮލޮޖީ ޑިވިޝަން) މިޞްބާޙް ޢަބްދުއް ރަޝީދެވެ. މިއީ މިދިޔަ އަހަރު މިޞްބާޙް ދެއްކި ފުރިހަމަ ހުނަރާއި ބޭންކަށް ކޮށްދިން އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު އެވޯޑެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އަދި "ލީޑަރޝިޕް އެކްސެލެންސް އެވޯޑް" ހާސިލްކުރީ ހެޑް އޮފް ޕްރޮޕަޓީ (ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޝަން) ޔުޒްނާ ނަސީމް އެވެ. މީގެ އިތުރުން، އައުޓްސްޓޭންޑިންގ ޓީމް އެޗީވްމަންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަގަރީތަކުން ވަކިވަކި މުވައްޒަފުންނަށާއި ޓީމުތަކަށް އެވޯޑް ދީފައިވެ އެވެ.
ބޭންކުގެ ކުރިއެރުމަށާއި ދިގު މުއްދަތުގެ އިސްތިރާޖީ ކާމިޔާބީތަކަށް މުހިންމު ހިއްސާއެއް ވެދީފައިވާ ފަސް މުވައްޒަފަކަށް "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިންގ އެޗީވްމަންޓް" ވަނީ ދީފަ އެވެ. މި މުވައްޒަފުންނަކީ އެ ބޭފުޅުން މަސައްކަތްކުރައްވާ ދާއިރާތަކުގެ އިތުރުން، ބޭންކުގެ އިސްތިރާޖީ ރޭވުންތަކާއި، މަސައްކަތްތައް ތަންފީޒުކުރުމާއި، ވިޔަފާރީގެ ނަތީޖާ ހާސިލްކުރުމުގައި ނަމޫނާ ލީޑަރޝިޕެއް ދައްކަވާފައިވާ ބޭފުޅުންނެވެ. މި އެވޯޑް ހާސިލްކުރި މުވައްޒަފުންނަކީ:
– މޫސާ މުންސިފް އަހުމަދު، ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް
– ހުޝާމް ސައީދު، ޑީރެކްޓަރ އޮފް ޓެކްނޮލޮޖީ
– ރަޝްފާ ޖައުފަރު، ޗީފް ކްރެޑިޓް އޮފިސަރ
– ހަސަން ޝާމް، ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރ
– އަދުލީ އަހުމަދު ދީދީ، ޗީފް އިންފޮމޭޝަން އޮފިސަރ
މި ހަފުލާގައި ބޭންކުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރި މުވައްޒަފުންނަށް ޖުމްލަ 38 އެވޯޑެއް ދީފައިވެ އެވެ.
މީގެ އިތުރުން، އައުޓްސްޓޭންޑިންގ ޓީމް އެޗީވްމެންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަލިސްޓް، މި ކެޓަގަރީތަކުން ފާހަގަކޮށްލެވޭ ޓީމްތަކާއި މުވައްޒަފުންނަށް އެވޯޑު ދީފައި ވެއެވެ.
މި ހަފްލާގައި މުވައްޒަފުންނާ މުހާތަބުކުރައްވަމުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިދިޔަ އަހަރަކީ ބޭންކުގެ 43 އަހަރުވީ ތާރީހުގައި ފާހަގަކޮށްލެވޭނެ، އަދި މިހާތަނަށް އެންމެ ކާމިޔާބު އަހަރު ކަމަށާއި މިއީ ހަމައެކަނި މާލީ ގޮތުން ލިބުނު ކުރިއެރުމެއް ނޫން، މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި ބޭންކުން އަދާކުރާ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެއް ކަމަށެވެ.
"މި ކާމިޔާބީގެ އަސްލަކީ އަޅުގަނޑުމެންގެ މުވައްޒަފުންގެ ހީވާގިކަމާއި، ފަންނީ ގާބިލްކަމާއި، އަދި ކުރިއަށް ދިއުމަށް ކުރާ އުންމީދު. މިރޭ އަޅުގަނޑުމެން އަގުވަޒަންކުރަނީ އެންމެ ފުރިހަމަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ މަސައްކަތް." ޝަރީފް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއެކު ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ އިތުރުން ރާއްޖޭގައި އެންމެ ގިނަބަޔަކަށް ވަޒީފާ ފޯރުކޮށްދޭ އެއްތަނެވެ. ބޭންކުގެ 99 ޕަސެންޓަކީ ދިވެހިންނެވެ.