ރިޔާސީ ދައުރު ދިގުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.
މި ބަދަލު ގެންނަން އުޅެނީ ރިޔާސީ ދައުރު ދިގުކުރުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ތުހުމަތު ކުރަމުންނެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ޒުވާނުންނާއެކު މިރޭ ބޭއްވި އިވެންޓެއްގައި ރައީސް ވިދާޅުވީ ރިޔާސީ ދައުރު އަދި ދަންމާލުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި ރައްޔިތުން ކައިރިން އަހާ ވޯޓުގައި އޮތީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކޮށްލާފައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯ ކަމަށެވެ.
"މިއަކު ނާދޭ ރިޔާސީ އިންތިހާބު ދިގުކުރާ ވާހަކައެއް، ކުރު ކުރާ ވާހަކައެއް. އެކަހަލަ ކަމެއް ކުރާކަށް ނުވެސް އުޅެން، ނުވެސް ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ހަރަދު ކުޑަވުމުގެ އިތުރުން ދެ ބާރު އިތުރަށް ވާނީ ފުރިހަމަ ކަމަށާއި އެގޮތުން ސުޕަ މެޖޯރިޓީ ހޯދުން ވެސް މިއާއެކު ނިމުމަކަށް އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީއިން ދަނީ ފެންނަ ނުފެންނަ ވޯޓަށް "ނޫނެކޭ" ބުނެ ޖަލްސާތަކާއި ކެމްޕއިން ހަރަކާތްތައް ހިންގަމުންނެވެ. ނަަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޑިމޮކްރަސީގެ ސިފައެއް ކަމަށާއި އިންތިހާބު ގިނަވުމަކީ ހަރަދު ބޮޑުވެ އަދި ގައުމުގެ ހަމަޖެހުން ގެއްލޭ ކަމެއް ކަމަށް ބުނަމުންނެވެ.