Last Updated: June 6, 21:54
Saturday, June 6, 2026
ޚަބަރު

މި އުޅެނީ މި ގައުމުން ހުދުމުހުތާރުކަން ނައްތާލަން

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު މަސައްކަތް ކުރައްވަނީ މި ގައުމުން ހުދުމުހުތާރުކަން ނައްތާލަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ޒުވާނުންނާއެކު މިރޭ ބޭއްވި އިވެންޓެއްގައި ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރާނެ މަޖިލީހެއް ގެންނަން ބޭނުންވާނަމަ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަންޖެހޭ ކަމަށާއި ހުދުމުހުތާރުކަން ހިންގަން ބޭނުންވާ މީހުން ބޭނުންވާނީ ސުޕަ މެޖޯރިޓީ ލިބޭ ފަދަ މަޖިލީހެއް އިންތިހާބުކުރަން ކަމަށެވެ.

"ހޮވާފައި އެތަނުގެ ތެރެއިން ސަރުކާރު ޖަވާބުދާރީވެސް ނުކުރާނެ. ހަމަ ހުދުހުމުތާރުކަން ހިންގަން އެމީހުން ބޭނުންވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅު ހަދާ މީހުންނަކީ ކުރީގައި ވެސް ރާއްޖޭގައި އޮތް ގޮތަށް ކަޑަޖެހުމާއި ހުދުމުހުތާރުކަން ހިންގަން ބޭނުންވާ މީހުން ކަމަށާއި މިއީ ރައްޔިތުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑު މި އުޅެނީ ކަޑަޖެހުމާއި ހުދުމުހުތާރުކަން ނައްތާލަން ބޭނުންވެގެން. އެހެންވީމަ މި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ވަކާލާތު މިކުރަނީ،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީއިން ދަނީ ފެންނަ ނުފެންނަ ވޯޓަށް "ނޫނެކޭ" ބުނެ ޖަލްސާތަކާއި ކެމްޕއިން ހަރަކާތްތައް ހިންގަމުންނެވެ. ނަަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޑިމޮކްރަސީގެ ސިފައެއް ކަމަށާއި އިންތިހާބު ގިނަވުމަކީ ހަރަދު ބޮޑުވެ އަދި ގައުމުގެ ހަމަޖެހުން ގެއްލޭ ކަމެއް ކަމަށް ބުނަމުންނެވެ.

ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓް އޮންނާނީ އަންނަ މަހުގެ 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ އެކީގަ އެވެ.