Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މަޖިލިސް މެމްބަރުންނާއި ކައުންސިލަރުން ވަކިކުރެވޭ ގޮތް ހަދަނީ

ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި ކައުންސިލް މެމްބަރުންގެ އިތުބާރު ގެއްލޭ ހާލަތުގައި މަގާމުން ވަކިކުރެވޭ ގޮތަށް ރިކޯލް ވޯޓެއް ނެގޭ ގޮތް ހަދަން ގާނޫނު އިސްލާހުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ޒުވާނުންނާއެކު މިރޭ ބޭއްވި އިވެންޓެއްގައި ރައީސް ވިދާޅުވީ ރިކޯލް ވޯޓުގެ ނިޒާމު ތައާރަފްކުރުމުން، މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ނަތީޖާ ދަށްވެއްޖެނަމަ، ނުވަތަ ގާނޫނީގޮތުން އެ ބަޔަކަށް މަސައްކަތް ނުކުރެވޭކަން ރައްޔިތުންނަށް ފެންނަނަމަ ކަނޑައެޅިފައި އޮންނަ ގޮތަކަށް ޕެޓިޝަން ހުށަހަޅައި، މަޖިލީހުގެ ތެރޭ ވޯޓު ހަމަކޮށް، އެ މެންބަރަކު ނުވަތަ ކައުންސިލަރަކު މަގާމުން ދުރުކުރެވޭނެ ކަމަށެވެ.

"މާނައަކީ މަޖިލިސް ނުވަތަ ކައުންސިލް މެމްބަރުންގެ ޕާފޯމަންސް ދަށްވީ، ނޫނީ ގާނޫނެއްގައި އޮންނާނެ ކަނޑައަޅާފައި. އެކަންކަން އެމީހުންގެ ކިބައިން ދިޔައީ، އެހާ ހިސާބުން ރައްޔިތުންނަށް ލިބޭނެ ކަނޑައެޅިފައިވާ އަދަދަކަށް ސޮއި ހަމަކޮށްގެން ޕެޓިޝަނެއް ހުށަހަޅައިގެން ވަކި އިންސައްތައެއްގެ ވޯޓު ހަމަ ކޮށްގެން މަގާމުން ދުރުކުރުވޭނެ،" ރައީސް ވިދާޅުވި އެވެ.

އޭރުން ކައުންސިލާއި މަޖިލިސް ވެސް ކުރިއަށްދާނީ ހަމަހަމަކަމާ އެކު ޖަވާބުދާރީކުރުވޭނެ އުސޫލަކުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރިކޯލް ވޯޓު ނިޒާމު ހުށަހަޅުއްވާނެކަމަށް ވިދާޅުވި ނަމަވެސް، ސީދާ ހުށަހަޅުއްވާނީ ކޮން އިރަކުކަން އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.