މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
މިރޭ ބޭއްވި ބީއެމްއެލްގެ 43 ވަނަ އަހަރީ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވާއިރު، މި ނިންމުމާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322,915,200ރ. ރުފިޔާ ބެހުމަށް ވަނީ ނިންމައިފަ އެވެ.
މިއީ ބީއެމްއެލްގެ ތާރީހުގައި މިހާ ބޮޑު ފައިދާއެއް ހިއްސާދާރުންނަށް ދިނުމަށް ފާސްކުރި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށްވެސް ވަނީ ފާސްކޮށްފަ އެވެ. މިގޮތަށް ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނު މަތީ ހިއްސާގެ ބުކް ވެލިއު އަކަށް ވާނީ 1015.90 ރުފިޔާ އެވެ. އެހެންކަމުން މިއަހަރު ކޮންމެ ހިއްސާއަކަށް މިދެވެނީ ޖުމްލަ 2091.80 ރުފިޔާގެ ނަފާއެކެވެ.
ބީއެމްއެލް އިން ބުނީ ބޯނަސް ހިއްސާ ދޫކުރުމަށް ހުށަހެޅި މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރު ކުރުމާއި، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުން ކަމަށެވެ.