ގައުމަށް ބޭނުންތެރި ހިދުމަތްތެރިން ފުލުހުންގެ ތެރެއިން އުފެއްދުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަދަކީ މި ޤައުމަށްޓަކައި ރެޔާއި ދުވާލު ހިންމަތާއެކު ޚިދުމަތްކުރަމުންދާ ނޫ ލަޝްކަރުގެ ދުވަސް ކަމަށެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެވުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ޤައުމުގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދޭސީއަކާއި ބިދޭސީއަކަށް ވެސް އަމާންކަމާއި އިތުބާރު ރާއްޖެއިން ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ ޒިންމާ އަދާކުރާ، ޤާބިލް ބަޔެއްގެ ގޮތުގައި ދެމިތިބުން،" ރައީސް ވިދާޅުވި އެވެ.
މިއަދަކީ މި ޤައުމަށްޓަކައި ރެޔާއިދުވާލު ހިންމަތާއެކު ޚިދުމަތްކުރަމުންދާ ނޫ ލަޝްކަރުގެ ދުވަސް. ދިވެހި ފުލުހުންގެ ދުވަސް.
މި ޚިދުމަތް އުފެދުނީއްސުރެ މިއަދާ ހަމަޔަށް އެކި ދުވަސްވަރު މަޤާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި ޢާއިލާއަށް ނުހަނު ލޯތްބާއެކު ތަހުނިޔާއާއި ޝުކުރު… pic.twitter.com/XCzVdpdMK2
— Dr Mohamed Muizzu (@MMuizzu) March 28, 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުލުހުންގެ ހިދުމަތެއް އުފެދިގެންދިޔައީ 1933ގައި ރާއްޖޭގައި އޭރު ހުންނެވި ރަސްކަލުން ސުލްތާން މުހައްމަދު ޝަމްސުއްދީން ތިން ވަނަ، ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ތަސްދީގުކުރެއްވުމާ ގުޅިގެންނެވެ. އެ ގާނޫނު އަސާސީގެ ތެރޭގައި އެކުލެވުނު ފުލުހުންނާ ބެހޭ ގާނޫނުން ބާރު ލިބިގެންނެވެ.