Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އެމްޑީޕީގެ ކެމްޕޭނަށް ނަޝީދު އައްޑު އަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ނަޝީދު އައްޑުއަށް ވަޑައިގަތުމުން އެއާޕޯޓު ސަރަހައްދަށް އެއްވެފައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ނަޝީދުގެ މި ދަތުރުފުޅުގައި އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އައްޑުއަށް ނަޝީދު ވަޑައިގެންނެވިއިރު، މިދިޔަ ހަފްތާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ލީޑަޝިޕްގެ އިސް ބޭފުޅުން އައްޑުއަށް ވަޑައިގެން ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވެފައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލް ވުޖޫދަށް އައި ދުވަހުން ފެށިގެން އެމްޑީޕީން މެޖޯރިޓީ ދަމަހައްޓަމުން އަންނަ އިރު، ޕީއެންސީން މި ފަހަރު އަމާޒު ހިފާފައި އޮތީ މެޖޯރިޓީ ގެއްލުވާލައި، އެ ޕާޓީ އަށް މެޖޯރިޓީ ހޯދުމަށެވެ.

ނަމަވެސް އެމްޑީޕީން ބުނަމުން އަންނަނީ ކައުންސިލް އިންތިހާބު އެ ޕާޓީ ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށެވެ.