ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އިގްތިސާދު މެނޭޖު ކުރައްވަމުން ކަމަށާއި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ވެސް ފުއްދަވާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ގދ. ފަރެސްމާތޮޑާގެ ބިންހިއްކުމާއި، ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދަތި އުނދަގޫ ހާލަތްތަކާއެކު ވެސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށާއި މިހާރުވެސް ބޮޑު ހަނގުރާމައެއް ކުރަމުންދާއިރު އޭގެ އެންމެ ބޮޑު އަސަރެއް ކުރާނެ ތަނަކީ ރާއްޖެ ނަމަވެސް ރައްޔިތުންގެ ޒަރޫރީ ކަންކަމަށް ދަތިނުވާ ގޮތަށް ކަންކަން ހަމަޖައްސަމުންދާ ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ޒަރޫރީ ކަންކަމަށް ދަތިނުވާ ގޮތަށް އެމަނިކުފާނު އިގްތިސާދު އެބަ މެނޭޖު ކުރައްވާ. ފާޑުކިޔުންތައް ހުރެދާނެ، ފާޑުވެސް ކިޔަންވީ. އެކަމަކު ބިނާކުރަނިވި ގޮތަށް. ޒާތީ ވެގެނެއް ނޫން، ހަސަދަވެރިވެގެން އިސްކޮށްގެނެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ބިނާކުރަނިވި ފާޑުކިޔައި ކަންކުރެވޭނެ މަގު ދެއްކުމުން އެކަން ރައީސް ވެސް ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް ޒާތީކަމާއި ހަސަދަވެރިކަމުން ނިކުންނާނީ ފިތުނަ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، ސަރުކާރުތަކުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވަނީ ކުރީ ސަރުކާރުން އޭރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރި އިރު އޮތީ، އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ޕާޓީއެއްގެ އަޣުލަބިއްޔަތު އޮތް މަޖިލީހެއްކަން ހަނދާންކޮށްދެއްވައި، އެ މަޖިލީހުން، އެ ސަރުކާރުން އެދުނު ބަޖެޓު ފާސްކޮށްދީ، އެ މަޖިލީހުގެ މެންބަރުންގެ ތަހުޒީބުކަން ދައްކުވައިދިން ކަމަށް ވިދާޅުވެފަ އެވެ.