އިޒުރޭލުގެ ވައިގެ ބަނދަރުތައް މި ވަގުތު އޮތީ ތޮއްޖެހި ފައެވެ.
އިޒުރޭލުން ބޭރަށް ފުރާ ފްލައިޓްތައް ވަނީ ފުރިފަ އެވެ. ސަހުޔޫނީންތައް ފުރަފުރައިގެން ނިއުޔޯކާއި، ނިއު ޖާޒީ އާއި، މަޔާމީ އާއި، ލޮސް އެންޖަލިސް އާއި، ލަންޑަނާއި، އަދި ޕެރިސް ފަދަ ސަހަރުތަކަށް ދުވެ ފިލައި ރައްކާވަނީ އެވެ.
ސަހުޔޫނީންގެ ގިނަ ޢަދަދެއްގެ މީހުން ފަލަސްޠީނުގެ ބިންތައް ދޫކޮށް ފިލައިގެންދާއިރު، ގިނަ ބަޔަކު ބުނަނީ ދެން ދުވަހަކުވެސް އެނބުރި ނާންނާނެ ކަމަށެވެ.
އިޒުރޭލުގެ ކެންސެޓް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، މަދުވެގެން ސަހުޔޫނީންގެ 550،000 އަށް ވުރެ ގިނަ މީހުން ފަލަސްޠީނު ދޫކޮށް ފިލައިގެން ގޮސްފައިވެ އެވެ. މި މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ޚާއްސަކޮށް ޕްރޮފެޝަނަލް ގިންތީގެ މީހުންނާއި، ދުއި ރައްޔިތުކަން ހޯދާފައިވާ މީހުންގެ ތެރެއިން ކޮންމެ މަހަކު އެތައް ހާސް ރައްޔިތުންނެއް، ފަލަސްޠީނު ދޫކޮށް ގޮސްފައިވެ އެވެ.
ޠެލް އަވީވު ޔުނިވާސިޓީން މި މަހު ނެރުނު ރިޕޯޓެއްގައި ސަހުޔޫނީންގެ ތެރެއިން ފުރައިގެންދާ މީހުންގެ ގިންތިއާ ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެންމެ ގިނައީ މެޑިކަލް ޕްރޮފެޝަނަލުންނާއި، ފަންނީ ދާއިރާގެ މަސައްކަތްތެރިންނެވެ.
އެމީހުންނަކީ އިޤުތިޞާދީ ގޮތުން ފުދުންތެރި ބައެއް ކަމަށްވުމުން، ޔޫރަޕް ނުވަތަ އެމެރިކާގައި ހަމަޖެހޭ ދިރިއުޅުމެއް އެމީހުންނަށް ހޯދިދާނެއެވެ. އޭގެ ކުޑަކުޑަ މިސާލަކީ 2025 ވަނަ އަހަރު ފިލައިގެން ދިޔަ މީހުންގެ ތެރެއިން ފަލަސްޠީނަށް އެނބުރި އައިސްފައިވަނީ އެންމެ 19،000 މީހުންނެވެ. އެ އަހަރު ފިލައިގެން ދިޔަ މީހުންގެ ތެރެއިން ގާތްގަނޑަކަށް 70،000 މީހުން އެނބުރި އައިސްފައެއް ނުވެ އެވެ. މި އަހަރަށް ބަލާއިރު، އެއަށް ވުރެ ގިނަ މީހުން އެނބުރި ނާންނާނެ ކަމަށް ލަފާކުރެވެ އެވެ. މި އަހަރު ފެށުނު ފަހުން ސަލާމަތީ ކަންތައްތައް އިންތިހާ އަށް ގޯސްވެ، ދިރިއުޅުމުގެ އަގުތައް ބޮޑުވުމުން، ސަހުޔޫނީންގެ މެދުގައި ވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިފަ އެވެ.
ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ މަޝްވަރާތަކުގައި އިޒުރޭލުގެ ބައިވެރިވުމެއް ނެތި، އެމެރިކާއާއި، އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިންމާލަފާނެތީ ސަހުޔޫނީންގެ ހާސްކަން ވަނީ ވަރަށް ބޮޑުވެފައެވެ.
އިޒުރޭލާ ނުލައި، އަދި އެމެރިކާގެ ޔަހޫދީ މަންދޫބުންނާ ނުލައި ޕާކިސްތާނުގައި، އީރާނާ އެކު އެމެރިކާއިން މަޝްވަރާ ކުރަމުންދާ ކަމަށް ބުނާ އަޑުތައް ތެދުކަމުގައި ވަނީ ނަމަ، އޭގެ މާނައަކީ އިޒުރޭލު މުޅިން އެކަހެރިވެ، ބަލިކަށިވުމުގެ ނުރައްކާ އޮތުމެވެ.
ނަމަވެސް ގަލްފުގައި ތިބި ޢަރަބި ރަސްރަސްކަލުން އަދިވެސް ބިރުން ރަޖާލައިގެން ތިބެ، އިޒުރޭލާއި، އެމެރިކާއަށް އަޅުދާސްވާތީ އާއި އެ ޙާލަތު އަދިވެސް ދެމިއޮތުމުން އިޒުރޭލަށް ފައިދާ ކުރާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެ އެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.