ﷲ އަށް ވަކީލު ކުރުމަކީ ހިތަށް ހިތްފަސޭޙަކަން ލިބިގެން ދާނެ ކަމެކެވެ. އަދި ޙާލަތު ރަނގަޅުވެގެންދާ ކަމެކެވެ. އަދި ނުބައި މީހުންގެ ރޭވުންތަކުން ސަލާމަތްވެގެންދާ ކަމެކެވެ. އަޅުތަކުންގެ ކިބައިން މެދުވެރިވާ އަނި ޔާއާއި ދުއްތުރާތަކުގެ ތެރެއިން ސަލާމަތްވުމަށް ކުޅަދާނަވެގެން ނުވާ ކަންކަމުން ރައްކާތެރިކޮށްދޭ އެންމެ ވަރުގަދަ ސަބަބަކީވެސް އެއީ އެވެ. ވަކީލުކުރުމުގެ ސަބަބުން މީސްތަކުންގެ އަތުގައިވާ އެއްޗަކަށް ބޭނުންނުވެ ފުދުންތެރިވެ އެވެ. ޝައިޚުލް އިސްލާމް ވިދާޅުވި އެވެ.
“މީހަކު މަޚްލޫޤަކާމެދު އުންމީދުކޮށްފި ނަމަ ނުވަތަ މަޚްލޫޤަކަށް ވަކީލުކޮށްފި ނަމަ އޭނާ އެހީކުރިގޮތާ ޚިލާފަށް އެ މީހަކު އަމަލު ކުރާނެ އެވެ.”
ފަހެ އެމީހެއްގެ ވެރިއިލާހަށް އެމީހެއްގެ ކަންކަން ހަވާލުކޮށްފި މީހަކަށް އެއިލާހު އިޙްސާންތެރިވެވޮޑިގެންވެ އެވެ. ޒަކަރިއްޔާގެފާނު މުސްކުޅިފުޅުވި ދުވަހު އެކަލޭގެފާނަށް މަތިވެރިވެގެންވާ ދަރިކަލަކު ދެއްވިއެވެ. އަދި އެބޭކަލަކުވީ މީސްތަކުންގެ ތެރެއިން މާތްކުރެވުނު ނަބީބޭކަލުންގެ ތެރެއިންނެވެ. އަދި އިބްރާހީމްގެފާނަށް ދަރިކަލެއް ދެއްވޭނެކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވުމުން އެކަލޭގެފާނުގެ އަނބިކަނބަލުން މާޔޫސްވެފައިވުމަށް ފަހު ވިދާޅުވި އެވެ.
﴿قَالَتْ يَا وَيْلَتَىٰ أَأَلِدُ وَأَنَا عَجُوزٌ وَهَـٰذَا بَعْلِي شَيْخًا إِنَّ هَـٰذَا لَشَيْءٌ عَجِيبٌ﴾ [سورة هود ٧٢]
މާނައީ: “އެކަމަނާ ވިދާޅުވިއެވެ. އޭހުރި ޢަޖައިބެއްގެ ބޮޑުކަމާއެވެ! ތިމަންނާ މުސްކުޅިޔަކުކަމުގައިވާއިރުވެސް، ތިމަން ވިހާނޭ ހެއްޔެވެ؟ އަދި ތިމަންގެ ފިރިކަލުން މިހުންނެވީ މުސްކުޅިވެފައެވެ. ހަމަކަށަވަރުން، މިއީ އަޖައިބުވެގެންވާ ކަމެކެވެ.”
އަދި (އިބްރާހީމް) އަލްޚަލީލު، ހާޖަރުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނު ހަނަފަސްވާދީއަކަށް ދޫކުރެއްވިއެވެ. ފަހެ އެދަރިކަލުން ވެވަޑައިގަތީ ނަމާދު ޤާއިމުކުރުމަށާއި ޒަކާތްދިނުމަށް އެކަލޭގެފާނުގެ އަހުލުންނަށް އަމުރުކުރެއްވި ބޭކަލަކަށެވެ. އަދި ޔޫނުސްގެފާނު ޙާލުގައި ޖެހި ހުސްބިމުގައި އޮންނެވި ހިނދު އެކަލޭގެފާނު ގެއްލެނިވެގެން ނުދެއެވެ.
ފުޟައިލް ބުން ޢިޔާޟު ވިދާޅުވިއެވެ؛
“މަޚްލޫޤުންގެ ކިބައިން ތިބާ މާޔޫސްވެ، އެބައިމީހުންގެ ކިބައިން އެއްވެސް ކަމެއް ބޭނުންނުވާ ޙާލުވެސް، ތިބާގެ ވެރިއިލާހު ތިބާ ބޭނުންވާ ހުރިހާ އެއްޗެއް ދެއްވަފާނެއެވެ.”
އެހެންކަމުން ތިބާ ޚަލްޤުކުރެއްވި ފަރާތުގެ ޙަޟްރަތަށް ތިބާ ރުޖޫޢަވާށެވެ. އަދި އެއިލާހުގެ ޙަޟްރަތުން އުންމީދުކުރާށެވެ. އަދި ރަޙްމާނުވަންތަ އިލާހަށް ހުރިހާ ކަމެއް ޙަވާލުކުރާށެވެ. އަޅުތަކުންނާ އޮތް ގުޅުމަށް ނުބަލާށެވެ. އަދި ﷲ ގެ ޙަޟްރަތަށް މެނުވީ އުންމީދު ނުކުރާށެވެ. ވަކީލުކުރުމާއި އުންމީދުކުރުން ގަދަވެ، ހިތް ޙާޟިރުކޮށްގެން ދުޢާކުރާނަމަ އެދުޢާ އިޖާބަނުވެ ނުދާނެއެވެ.
﴿أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ أَإِلَـٰهٌ مَّعَ اللَّـهِ قَلِيلًا مَّا تَذَكَّرُونَ﴾[سورة النمل ٦٢]
މާނައީ: ”ނުވަތަ ދަތި އުނދަގޫ ޙާލުޖެހިފައިވާ މީހާ، އެއިލާހަށް ދުޢާކުރާހިނދު، އެމީހާގެ ދުޢާއިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުންލައްވާ އިލާހު ހެއްޔެވެ؟ ﷲ އާ އެކު އެހެން އިލާހަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަ ކުރަނީ ވަރަށް ވެސް މަދުންނެވެ.”
ބިރުވެތިވެ ނިކަމެތިވެގެންވާ ހިތަކާއެކު ﷲ ގެ ޙަޟްރަތަށް ދަންނަވާށެވެ. ތިބާއަށް އޮތް ދޮރު ހުޅުވިގެން ދާނެ އެވެ.
މަސްްދަރު: ދިސަލަފިއްޔާ