Last Updated: June 5, 17:28
Friday, June 5, 2026
ޚަބަރު

ބޭރުމަތީގެ ގޮނޑުދޮށް ހިމާޔަތް ކުރަން ފަށައިފި

އައްޑޫ ހިތަދޫ ބޭރުމަތި ސަރަހައްދުގެ އިރުމަތީ ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިކަމަށްޓަކައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި މޭޔަރު އަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުގެ އިތުރުން އެހެން ބައެއް ކައުންސިލަރުން ގިނަ އަަދަދެއްގެ އާންމުން ވެސް ބައިވެރިވި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި މި މަޝްރޫއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީ ހޯގާޑެވެ.

މި މަޝްރޫއުގެ ދަށުން ހިތަދޫ ބޭރުމަތި ސަރަހައްދުގެ ސަންލައިޓް ހިނގުމުން ފެށިގެން ގާޑިޔާ ސަރަހައްދު ހިމެނޭ ހިސާބުގެ އިރުމަތީ ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރާނެ އެވެ. ކައުންސިލުން ބުނީ މަޝްރޫއު ނިމުމުން، އުދައެރުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ވެސް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

ތިމާވެއްޓާ ރައްޓެހިކޮށް ގޮތަކަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ސަބަބުން ކުދި އުޅަނދުފަހަރާއި ލޯންޗުތައް ފަސޭހަކަމާއެކު ކައިރިކޮށް ބަނދަރުކުރެވޭނެ އިންތިޒާމުތައް އެ ސަރަހައްދުގައި ގާއިމުވެގެން ދާނެ އެވެ.

ކައުންސިލުން ބުނީ މި މަޝްރޫއު ސަބަބުން ހިތަދޫގެ މަލަމައްޗަށް އިތުރު ހިތްގައިމު ކަމެއް އައިސް ސް، މުޅި ސަރަހައްދު އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށެވެ.