ޙިޒުބުﷲ ގެ މުޖާހިދުން ފަލަސްޠީނުގެ އުތުރުން ގެލިލީ އަށް ވަދެއްޖެ އެވެ
މެދުއިރުމަތީގައި ހަމަނުޖެހުންތައް، ނުރައްކާތެރި އައު ހަރުފަތަކަށް އުފުލިފައިވާއިރު، ހިޒްބުالله ގެ މުޖާހިދުން ފުރަތަމަ ފަހަރަށް ފަލަސްޠީނުގެ (އިޒުރޭލުގެ) ސަރަހައްދުގެ ތެރެއަށް ވަދެ، ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކުރީގެ އެތައް ރިޕޯޓެއްގައިވާ ގޮތުން ހަތިޔާރު އެޅި ފައުޖުތަކުން އުތުރުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ގެލީލީއަށް ވަދެފައިވާއިރު، އޭގެ ތެރޭގައި ކިރިޔާތު ޝްމޯނާ އާއި މެޓޫލާ ކައިރީގައިވާ ސަރަހައްދުތައް ހިމެނެއެވެ. އޮންލައިންކޮށް ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޖާހިދުން ވަނީ ފަލަސްޠީނުގެ ބިންތަކުގައި، ހިޒުބުالله ގެ ދިދަ ނަގައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިޒުރޭލުގެ ޑިފެންސް ފޯހާއި ހޯމް ފްރަންޓް ކޮމާންޑް ހިމެނޭ ގޮތަށް އިޒުރޭލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އުތުރުގެ ސަރަޙައްދުން ވަގުތުން މީހުން ނުކުތުމަށް އަމުރުކޮށްފަ އެވެ.
ވީޑިއޯ ފޫޓޭޖުތަކުން ދައްކާ ގޮތުގައި، ދެކުނަށް ދަތުރުކުރާ ހަލިމަގުތައް ވަނީ ފުރިބާރުވެފައެވެ. އަދި އިތުރު ޙަމަލާތަކެއް އަތުވެދާނެ ކަމުގެ ބިރަށް އާންމުން ދަނީ ފިލައި ރައްކާވަމުންނެވެ.
އިޒުރޭލުގެ ޗެނަލް 13 އާއި އެހެން މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، ކޮމާންޑް އެންޑް ކޮންޓްރޯލް ނިޒާމުތަކަށް ބުރޫއެރުމާއި، އެތައް ތަނެއްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ޙާލަތު ވަނީ "އިންތިހާއަށް ސީރިއަސްވެފަ" އެވެ.
އަލްޖަޒީރާގެ ފީލްޑް ރިޕޯޓަރުން ވެސް ވަނީ ބިންމަތީގައި ގަދަފަދައަށް ހަނގުރާމަ ހިނގަމުންދާ ކަމަށް އިޝާރާތްކޮށްފަ އެވެ. އަސްކަރީ މުޙައްލިލުން ބަޔާންކުރާ ގޮތުގައި، މިއީ މިހާތަނަށް ހިޒުބުالله އިން، އިޒުރޭލުން އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނު ބިމުގެ ސަރަޙައްދުގެ ތެރެއަށް މިހާ ބޮޑަށް ވަދެފައިވާ ފުރަތަމަ ފަހަރެވެ.
މިއީ ސަރަޙައްދީ އިމުގެ ހަމަނުޖެހުންތަކުން ނެއްޓި، ބިމުގެ ހަނގުރާމައަކަށް ބަދަލުވުމުގެ އިޝާރާތެކެވެ. އީރާނުގެ މަދަދާއި އަދި ތާއީދާއެކު ހަނގުރާމަ ކުރާ ހިޒްބުالله އަކީ ޒަމާނުއްސުރެ މި ސަރަޙައްދުގެ އެންމެ ބާރުގަދަ އަސްކަރީ ބާރުތަކުގެ ތެރޭގައި ހިމެނޭ އެއް ބާރެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.