ރީތި އަދި އެހާމެ ކާމިޔާބު ލޯބީގެ ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޒަމާންތަކެއް ފަހުން އަނެއްކާ ވެސް ހިތްގައިމު ލޯބީގެ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އެ ސްޓޫޑިއޯ މިހާރުގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ އެ ފިލްމުގެ ސްކްރިޕްޓް ވެސް ފައިނަލްކޮށްފައިވާ ކަމަށެވެ.
އެހެންވެ ބެލެވޭ ގޮތުން ފިލްމު ރަސްމީކޮށް އިއުލާން ކުރާނީ 'ކިންގް އޮފް ރޮމޭންސް' ގެ ނަމުން މަޝްހޫރުވި އޭނަގެ ބައްޕަ ޔާޝް ޗޯޕްޅާގެ އުފަން ދުވަސް ކަމަށްވާ ސެޕްޓެމްބަރު 27 ގައި ކަމަށް މީޑިއާތަކުން ބުންޏެވެ.
ޔާޝް ވަނީ 2012 ގައި މަރުވެފަ އެވެ. އޭނަ ގެނެސްދީފައިވާ ލޯބީގެ ފިލްމުތަކުގެ ތެރޭގައި 'ކަބީ ކަބީ'، 'ޗާންދުނީ'، 'ސިލްސިލާ'، 'ލަމްހޭ'، 'ދިލް ތޯ ޕާގަލް ހޭ' އަދި 'ވީރު-ޒާރާ' ފާހަގަކޮށްލެވެ އެވެ. ޔާޝްގެ އެންމެ ފަހުގެ ފިލްމަކީ މަރުވި އަހަރު ގެނެސްދިން 'ޖަބް ތަކް ހެ ޖާން' އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ ވައިއާރްއެފްގެ ސިގްނޭޗާ ސްޓައިލްގައި ގެނެސްދޭން ހަމަޖެހިފައިވާ ލޯބީގެ އާ ފިލްމު ހަދަން ނިންމާފައި ވަނީ މަޝްހޫރު ތަރިންތަކެއް ހިމަނައިގެން ކަމަށެވެ. އެކަމަކު އެ ފިލްމު ޑައިރެކްޓް ކުރާނީ ކާކު ކަމެއް އަދި ސާފެއް ނުވެ އެވެ.
ވައިއާރްއެފަކީ ހިންދީ ސިނަމާގެ އެންމެ އައިކޮނިކް ލޯބީގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ވެސް ގެނެސްދިން ސްޓޫޑިއޯ އެވެ. އެއީ އަދިތިޔާ ޑައިރެކްޝަނަށް ނުކުތް ފިލްމެވެ.
ބޮލީވުޑްގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ފާހަގަކޮށްލެވޭ ވައިއާރްއެފްގެ މި ފަހުގެ އެންމެ ބޮޑު ހިޓަކީ މިދިޔަ ަހަރު ޒުވާން އާ ތަރިންތަކެއް ހިމަނައިގެން ގެނެސްދިން މިއުޒިކަލް ރޮމޭންޓިކް ޑްރާމާ ސައްޔާރާ އެވެ. އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ އަދިިތިޔާގެ އަންހެނުން މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ 'މަރުދާނީ' ފްރެންޗައިޒްގެ ތިން ވަނަ ބައެވެ.
އެ ފިލްމު ރިލީޒްކުރީ ޖެނުއަރީ 30 ގަ އެވެ.