Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އޭވިއޭޝަން ސެކިއުރިޓީ ކަލްޗާ ވީކް ފަށައިފި

"އޭވިއޭޝަން ސެކިއުރިޓީ ކަލްޗަ ވީކް" ފަށައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހަރަކާތް ފައްޓަވައި ދެއްވީ، ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ ޢަލީ އެވެ.

ދެ ހަފުތާގެ މުއްދަތަކަށް ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ހުރިހާ ސްޓޭކް ހޯލަޑަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "އޭވިއޭޝަން ސެކިއުރިޓީ ކަލްޗަ ވީކް" އަކީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑިރޮކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން އިންތިޒާމްކޮށް، އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް ފޮ ޓްރާންސްޕޮޓޭޝަންގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ ހަރަކާތެކެވެ.

އަދި މިއީ، ރާއްޖޭގައި މި ހަރަކާތް ބާއްވާ ފުރަތަމަ ފަހަރު ވެސް މެ އެވެ.

"އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރވީކް" އަކީ، ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ބެހޭ މައި ޖަމިއްޔާ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން 2030 ވަނަ އަހަރަށް ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ގްލޯބަލް އޭވިއޭޝަން ސެކިއުރިޓީ ޕްލޭންގައި އިސްކަން ދީފައިވާ ކަންކަމުގެ ތެރެއިން އެންމެ މުހިންމު އެއް ލަނޑުދަނޑި އެވެ.

މި ހަރަކާތަކީ، މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ވައިގެ ސަލާމަތީ ޚިދުމަތް ދިނުމުގައި ޝާމިލްވާ އިދާރާތަކުން ކުރަމުންގެންދާ ނާޒުކު މަސައްކަތަށް ސިނާޢަތުގައި ހަރަކާތްތެރިވާ އިދާރާތަކުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުން އަހުލުވެރިކޮށް، އެ ސިނާޢަތުގެ ސަލާމަތްތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް އެ މުވައްޒަފުންގެ ޝާމިލްވުން އިތުރު ކުރުމަށްޓަކައި ބޭނުންވާ ފަންނީ މައުލޫމާތު ޙިއްސާ ކުރުމަށް ބާއްވާ ހަރަކާތެކެވެ..