Last Updated: June 6, 21:54
Saturday, June 6, 2026
ޚަބަރު

ފްލައިޓްތައް އިތުރުވެ، ފަސިންޖަރުން އަންނަ އަދަދު މައްޗަށް

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ރާއްޖެ އަންނަ ފްލައިޓުތައް އިތުރުވެ، ފަސިންޖަރުންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ހުއްޓުމަކަށް އައި ނަމަވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ކުރެވިގެން ދިޔަ މަސައްކަތްތަކުން ބައެއް އެއާލައިންތަކުގެ ދަތުރުތައް ފެށިފައިވާ ކަމަށެވެ.

އެގޮތުން އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީ މިދިޔަ ހަފްތާ އިން ފެށިގެން ޖުމްލަކޮށް ކޮންމެ ދުވަހަކު ފްލައިޓެއް ރާއްޖެ އަންނަމުންދާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި އަންނަ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ގަތަރު އެއާވޭސް ރާއްޖެއަށް ފަށަން ނިންމައި ފްލައިޓް ޝެޑިއުލް ވެސް ނެރެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

""ކުރެވުނު މަސައްކަތުން ނަތީޖާ ފެނޭ. ފްލައިޓް ގިނަނަމަވެސް މީހުން ގިނަ ނުވާނަމަ މަގުސަދެއް ނުފެންނާނެ،. މިހާރު ފެންނަ އެންމެ ރަނގަޅު ނަތީޖާއަކީ ބުކްލޯޑް ނުވަތަ ފަސިންޖަރުން އަންނަ އަދަދު އިތުރުވަމުން ދިއުން. ހަނގުރާމަ ފެށުއިރު ހުރީ 50 ޕަސެންޓުގައި. ނަމަވެސް މިހާރު މި އަދަދު ވަނީ 75 ޕަސެންޓަށް ގެނެވިފަ،" އަމީން ވިދާޅުވި އެވެ.

އަމީން ވަނީ މިކަމުގައި ހާރިޖީ ވުޒާރާއިންނާއި ޓޫރިޒަމް މިނިސްޓްރީން ބޮޑު އެއްބާރުލުމެއް ލިބެމުން އަންނައިރު، މި އެހީތެރިކަމާއެކު ކުރިއަށް އޮތްތަނުގައި މި ހާލަތުން އަރައިގަތުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.