އާ މާކެޓްތަކުން ރާއްޖެއަށް މުދާ ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ މިހާރުވެސް ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރަމުން އަންނަ އިންޑިއާ، ޗައިނާ، ތައިލެންޑް، މެލޭޝިއާގެ އިތުރުން ވިއެޓްނާމް އަދި އިންޑޮނޭޝިއާއިން މުދާ ގެނައުމަށް އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ.
މީގެ ތެރޭގައި ރާއްޖެއާ މިވަގުތު ގުޅުން ބަދަހި ކުރެވިފައި، ވިޔަފާރީގެ ގުޅުން ބަދަހި ކުރެވިފައިނެތް ބައެއް މާކެޓްތަކާ އެއްކޮށް ވާހަކަތައް ދައްކަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އިންޑޮނީޝިއާ ފަދަ ގައުމުތަކަކީ މިހާރު ވެސް ފަރުނީޗަރު ފަދަ ތަކެތި ރާއްޖެއަށް ގެންނަ ގައުމުތައް ނަމަވެސް، އެ ގައުމުތަކުން އަސާސީ މުދާ ވެސް ފަސޭހަކަމާ އެކު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ސަޢީދު ވިދާޅުވީ، އިމާރާތް ކުރުމުގެ ސިނާޢަތައް ދިމާވެފައިވާ ދަތިތައްވެސް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި މި ސިނާޢަތައް ދިމާވެފައިވާ ގޮންޖެހުންތައް އޮޅުންފިލުވާފައިވާ ކަމަށެވެ.
އަދި އެސްޓީއޯ މެދުވެރިކޮށް ކަނޑުމަގުން ދަތުރު ކުރާ ބޯޓުތައް އޮޕަރޭޓް ކުރާ ފަރާތްތަކާއިއެކުވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި، ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަކީ އަސާސީ މުދަލުގެ ކަށަވަރުކަން ޤާއިމްކުރުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ.