މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމަށް އަސަރުކޮށް. އެކަމުގެ ގެއްލުމާ ކުރިމަތިލަމުންދާ ރިސޯޓުތަކައް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސެމުގެ މަސައްކަތް ކުރަމުންދާކަމަށް އެންވަޔަރުމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތޯރިގު ވިދާޅުވީ މި މަހު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަނގުރާމައިގެ ސަބަބުން 1،150 ޓޫރިސްޓުންނަށް ދަށްވެފައިވާ ކަމަށެވެ.
އެ ދަތިތަކާ ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އާ ވެސް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން މިހާރު އޮޕަރޭޝަންސްއަށް ދަތިވެފައި ހުރި ބައެއް ރިސޯޓުތަކުން ބޭންކުތަކާ ވާހަކަދައްކައިގެން އެކި ކަހަލަ ފައިނޭންޝަލް ފެސިލިޓީސް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތޯރިގު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބީއެމްއެލްއާވެސް ވާހަކަދައްކައިފިން، އަޅުގަނޑުމެން މިދަނީ ބީއެމްއެލްއާ އެއްކޮސް އެހެން އޮޕަރޭޝަންސްގެ ދަތިވާފަރާތްތަކަށް އެބޭފުޅުންގެ އެކި ކަހަލަ ފެސިލިޓީސްތައް ފޯރުކޮށްދޭން ބީއެމްއެލްއިން ތައްޔާރަށް ތިބޭ. އަދި މިހާރުވެސް އެ މަސައްކަތް ރިސޯޓުތަކާއެކު ކުރެވެމުންދޭ". ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވަނީ ސަރުކާރުން މިވަގުތު އިސްކަމެއް ދީގެން ކުރަނީ ފްލައިޓްތަކުގެ ފްރިކުއެންސީ އިތުރުކޮށް އާ އެއާލައިންތަކާ އެކު އެގްރީމެންޓްތައް ހަދައި ދަތުރުތައް ފެށުމަށް މަސައްކަތް ކުރުން ކަމަށްވެސް ވިދާޅުވެފަ އެވެ.