އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
އެމްއޭސީއެލުން މިއަދު ބުނީ އެކަން ފާހަގަކުރުމުގެ ގޮތުން އޮސްޓްރިއަން އެއާލައިނުން އިއްޔެ ފުރި 324 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށެވެ.
އާ ޓާމިނަލަށް ކައިރި ކުރި އެ އެއާލައިނުގެ ފްލައިޓުން ރާއްޖެ އައި 328 ފަސިންޖަރުންނަށް ބޮޑުބެރާ އެކީ ހޫނު މަރުހަބާއެއްކިޔާވާފައި ވެއެވެ. މިއީ އޮސްޓްރިއަން އެއާލައިންސް އާއިއެމްއޭސީއެލްއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ވީއައިއޭއިން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އޮސްޓްރިއަން އިން ރާއްޖެއަށް 30 އަހަރު ދަތުރު ކޮށްފައިވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި އޮސްޓްރިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެން ގޮސްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.