Last Updated: June 6, 21:54
Saturday, June 6, 2026
ޚަބަރު

އެއްކޮށް ބާއްވަންވީ މަޖިލީހާއި ކައުންސިލް އިންތިހާބު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުގެ ބަދަލުގައި، މަޖިލިސް އިންތިޚާބާއެކު ބާއްވަންވީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.

އުމަރު ވިދާޅުވީ ތިން އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ދެ އިންތިޚާބެއް އޮންނަ ގޮތަށް ބަދަލުކުރުމަކީ އޭނާ ވެސް ތާއިދުކުރައްވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެއްކޮށްލަންވާނީ އެންމެ މުހިންމު ދެ އިންތިޚާބެއް ނޫން ކަމަށާއި އެއްކޮށްލަންވާނީ އެންމެ ކުޑަ ދެ އިންތިޚާބު ކަމަށް އުމަރު ވިދާޅުވި އެވެ. އެއީ މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބަކީ މުޅި ގައުމުގެ ކުރިމަގު ކަނޑައެޅުމާ ގުޅޭ އެންމެ ބޮޑު އިންތިޚާބު ކަމަށެވެ. އަނެއް ދެ އިންތިޚާބަކީ ވަކިވަކި ދާއިރާތަކާ ގުޅުންހުރި އިންތިޚާބުތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި ޚަރަދު ކުޑަކުރުމުގެ ބަހަނާގައި އެންމެ ބޮޑު ދެ އިންތިޚާބު އެއްކުރުމަށް ފަހު އެންމެ ކުޑަ އިންތިޚާބު ބޮޑު ޚަރަދު ކޮށްގެން ވަކިން ބޭއްވުމަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫނެވެ. އެހެންވެ އެންމެ ބޮޑު ދެ އިންތިހާބު އެއްކޮށްލަން ނޫނެކޭ ބުނުމަށް އުމަރު ގޮވާލެއްވި އެވެ.