އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވާކަން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ހާމަކުރައްވައި ފިއެވެ.
ޖަލީލު، މިއަދުވަނީ އުއްޗުގެ އަރިހަށް ޒިޔާރަތް ކުރައްވައިފައެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ ޗަމްޕާގިރީގަ އެވެ.
އެ ބައްދަލުވުމުގައި ޖަލީލަށް ތާއީދުކުރައްވާ ކަމަށާއި، އޭނާއަށް ވޯޓު ހޯދައިދޭން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން އުއްޗު ދެއްވި އެވެ.
ބައްދަލުވުމުގައި އުއްޗު ވިދާޅުވީ މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ގައުމީ ހިދުމަތުގެ އެެންމެ ފަހުރުވެރި ރެކޯޑެއް އޮތީ ޖަލީލުގެ ކަމަށެވެ. ޖަލީލުމެން ފަދަ ގައުމީ ހިދުމަތުގެ މަތީ ޝަރަފުގެ ޒިންމާ އަދާކުރައްވާފައިވާ ބޭފުޅުން ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިބުމަށް އަބަދުވެސް އެދިވަޑައިގަންނަވާކަމަށް އުއްޗު ވިދާޅުވި އެވެ.