Last Updated: June 6, 21:54
Saturday, June 6, 2026
ޚަބަރު

ރެފެރެންޑަމާ ގުޅޭ މައުލޫމާތު ދޭން އާޒިމާ އާއި ދިޔާނާ އައްޑުއަށް

ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ޤާނޫނީ ގޮތުން އޮތްގޮތުގެ ސައްޙަމަޢުލޫމާތު ހޯދުމަށް އައްޑޫ ސިޓީގެ ގިނަ ރައްޔިތުން އެދެމުންދާތީ، އެމައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ފުންނާބު އުސް ގާނޫނީ ވަކީލުންނާއެކު ހާއްސަ ކެމްޕެއިން ހަރަކާތްތަކެއް އައްޑޫ ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި ކެމްޕެއިން ހަރަކާތުގައި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ވަޑައިގަންނަވާނީ ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝުކޫރާއި، އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅިގެން ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ބާއްވާ މި ހަރަކާތްތައް ތާވަލުކުރެވިފައި ވަނީ މާދަމާ އަށެވެ.

ޕީއެންސީން ބުނީ އައްޑޫ ސިޓީ މަރަދޫ، ފޭދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ އިވެންޓް އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ފޭދޫ ކަސްޓަމްސް އޮޑިޓޯރިއަމްގައި ކަމަށާއި ހިތަދޫ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ ބައްދަލުވުން އޮންނާނީ މާދަމާ މެންދުރުފަހު 14:00 ގައި، ހިތަދޫގައި ކަމަށެވެ. އަދި، ހުޅުމީދޫގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ އިވެންޓް އޮންނާނީ މާދަމާ ރޭ ހުޅުމީދޫގަ އެވެ.

މި ކެމްޕެއިން ހަރަކާތުގެ މައިގަނޑު ބޭނުމަކީ އިންތިހާބުތަކާ ގުޅިގެންކުރިއަށްދާ ފެންނަ ނުފެންނަ ވޯޓުގެ ގާނޫނީ އިޖުރާއަތްތަކާ މެދުރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ޤާނޫނީ މާހިރުންގެއެހީތެރިކަމާއެކު ޖަވާބު ހޯދައިދިނުމެވެ. އައްޑޫ ސިޓީގެ ވީހާވެސް ގިނަރައްޔިތުން މި ހަރަކާތުގައި ބައިވެރިވެވަޑައިގެން، ޤާނޫނީ ވަކީލުންގެފަރާތުން ސައްޙަ މަޢުލޫމާތު އޮޅުންފިލުއްވުމަކީ ޕީއެންސީގެ ވަރަށް ބޮޑު އެދުމެކެވެ.