Last Updated: June 6, 21:54
Saturday, June 6, 2026
ޚަބަރު

އައްޑޫ ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދޭނަން

އައްޑޫ ސިޓީގެ ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް އައްޑޫގެ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މުޝްރިފު އަލީ ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ޒުވާނުންނާއެކު މުޝްރިފް ރޭ ވަނީ "މުޝްރިފް އިން ރިއަލް ލައިފް" ގެ ނަމުގައި ހާއްސަ އިވެންޓެއް ބާއްވާފަ އެވެ. މި އިވެންޓުގައި ޒުވާނުންނަށް ކަންބޮޑުވުންތަކާއި ހިޔާލު ހުށަހެޅުމަށް ފުރުސަތު ދީ، މުޝްރިފް ވަނީ ޒުވާނުން ކުރި ސުވާލުތަކަށް ޖަވާބު ވެސް ދީފަ އެވެ.

މުޝްރިފް ވިދާޅުވީ ހީކުރި ވަރަށް ވުރެ އައްޑޫގެ ޒުވާން ކުދިންގެ ވިސްނުން އައްޑޫއާ މެދު އޮތް މިންވަރު ބޮޑު ކަމަށާއި އެ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް މި އިވެންޓުގައި ހާމަކޮށްދީފައިވާ ކަމަށެވެ. މޭޔަރު ކަމަށް އިންތިހާބުވެއްޖެ ނަމަ ޒުވާނުންގެ ހުރި ހުރިހާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް މުޝްރިފް ވިދާޅުވި އެވެ.

"އެކަމަށް ހައްލު ހޯދޭނެ ފޯމިއުލާ ހިފައިގެން އަންނާނީ. އަޅުގަނޑުގެ ތަސައްވުރެއް އެބައޮތް،" މުޝްރިފް ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އައްޑޫ ސިޓީން ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ކުރަމުން އަންނަނީ "ގްރޭޓާ އައްޑޫ" ގެ ޝިއާރުގެ ދަށުންނެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހު އެވެ.