Last Updated: June 6, 21:54
Saturday, June 6, 2026
ޚަބަރު

ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ބޭންކުގެ މުހިއްމު ދައުރެއް

ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ބީއެމްއެލްގެ އެންމެ މުހިއްމު އެއް ދައުރު ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ބޭންކުގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން ހިންގާ މަޝްރޫއުގައި 182 ފްލެޓު އިމާރާތް ކުރުމަށް ބިންގާ އެޅުމަށް ހުޅުމާލޭ ފޭސް 1 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ޤައުމެއްގެ އިޤްތިޞާދު ކުރިއެރުވުމާއި ޤައުމެއްގެ ބޭންކިން ނިޒާމާއި ވަނީ ގުޅިލާމެހިފައި ކަމަށާއި ބޭންކުގެ އެންމެ އިސް މަސްއޫލިއްޔަތަކީ ހަަމައެކަނީ މާލީ ފައިދާ ހޯދުން ނޫން ކަމަށެވެ.

"އޭގެ ބަދަލުގައި ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ކުރުމަކީ ޤައުމީ ބޭންކެއްގެ އެންމެ މުހިންމު އެއް ދައުރު،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މިފަދަ މަޝްރޫއެއްގެ ސަބަބުން ރައްޔިތުންނަށް މާލީގޮތުން އުފުލަން ޖެހިފައިވާ ދަތިތަކަށް ހައްލު ލިބުން ވެގެންދާނީ، ބޭންކުގެ ކަސްޓަމަރުންނަށް ލިބޭ ތަނަވަސް ކަމާއެކު ބޭންކަށްވެސް އޭގެ މަންފާ ލިބިގެންދާނެ ކަމަކަށް ކަމަށެވެ. އަދި އެތަކެއް އަހަރުތަކެއް ވަންދެން މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ޑިމާންޑު ބޮޑުވަމުން އައި ނަމަވެސް ބޯހިޔާވަހިކަމުގެ ފުރުސަތުތައް ތަނަވަސްވެފައި އޮތީ މަދު މިންވަރަކަށް ކަމަށާއި އޭގެ ބުރަ ބައެއް ރައްޔިތުންނަށް އުފުލަންޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އޭގެ ސަބަބުން އެތައް އާއިލާ އަކަށް މާލީ ގޮތުންނާއި، އިޖްތިމާއީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައިވޭ. އެހެން ކަމުން ބޯހިޔާވެހި ކަމުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އޮތް ފަރަގު ކުޑަކުރުމަކީ މިއަދު ގައުމީ ފެންވަރުގައި ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތްކަން ސަރުކަރަށް ވިސްނި ވަޑައިގެން އެ ފިޔަވަޅުތައް އެގެންދަވަނީ އަޅުއްވަމުން. އަދި މިފަދަ މަޝްރޫއުތަކަށް އިންވެސްޓްކުރުމަކީ އިގްތިސާދީ ދުވެލި ހަލުވިވެ އިމާރާތްކުރުމުގެ ދާއިރާއަށް އިތުރު ދިރުމެއް ލިބި އެތައް އާއިލާތަކަކަށް އަތްފޯރާ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުވެ، އަދި މުޖުތަމައަށް އެކި ގޮތްގޮތުން ކުރިއެރުން ލިބިގެންދާނެ ކަމެއް." ޝަރީފް ވިދާޅުވި އެވެ.

އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލޭ ފޭސް 1ގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވެނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.