Last Updated: June 5, 06:06
Friday, June 5, 2026
ދުނިޔެ

ޓްރަމްޕް އެންމެ ފަހުން އިއުތިރާފުވެއްޖެ

މަތިންދާބޯޓު އުފުލާ އެމެރިކާގެ މަނަވަރު ޔޫއެސްއެސް ޖެރާލްޑް އާރު ފޯޑަށް އީރާނުން ހަމަލާ ދިންކަން ރައީސް ޑޮނަލްޑް ޓްރަމްޕް ކަށަވަރުކޮށް ދެއްވައިފި އެވެ.

އޭނަ ވިދާޅުވީ އީރާނުން ދިން ޙަމަލާއަކީ ވަރަށް ވަރުގަދަ ޙަމަލާއެއް ކަމަށާއި، ބޯޓުގައި ތިބި ފަޅުވެރިން މަސައްކަތް ކުރީ ފުރާނަ ސަލާމަތް ކުރެވޭތޯ ކަމަށެވެ. އަދި އީރާނުގައި އެކަށީގެންވާ ވަޞީލަތްތަކާއި، ބާރު ނެތް ކަމަށާއި، އީރާނުގެ ފަހަތުގައި އޮތީ ކޮން ބާރެއްތޯ ނުވަތަ ބާރުގަދަ ކޮން އަތްތަކެއްތޯ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

އެމެރިކާގެ މަޔާމީގައި ދެއްކެއްޗި ވާހަކައިގައި، ޔޫ.އެސް.އެސް ޖެރަލްޑް އާރް ފޯޑަށް ކުރިމަތިވި ނުރައްކާތެރި ޙާދިސާގެ ތަފުޞީލު، ޓުރަމްޕް ހިއްސާކުރެއްވި އެވެ. އޭނަ ވިދާޅުވެފައިވާ ގޮތުގައި، ކުރިން ހީވެސް ނުކުރާފަދަ ގޮތަކަށް "17 ދިމާލަކުން" އީރާނުން އެ މަނަވަރަށް މިސައިލް ޙަމަލާތައް އަމާޒުކޮށްފައިވެ އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި، އެއީ ވާއެއް ނުވާއެއް ނޭނގުނު ނުރައްކާތެރި ވަގުތުކޮޅެކެވެ. އީރާނުގެ އެކުމުތުވާ މިސައިލްތަކާއި ޑްރޯންތަކުގެ ކިބައިން، 100،000 ޓަނުގެ މަނަވަރު ދިފާޢު ކުރުމަށް، ރޭގަނޑު ދަންވަރު ކޮންމެ 32 ސިކުންތަކުން ހައިސްޕީޑް ޖެޓްތައް އުދުއްސާލަން ޖެހުނު ކަމަށް ވެސް ޓުރަމްޕު ވިދާޅުވި އެވެ.

ޓުރަމްޕްގެ އެ އިޢުތިރާފަކީ ޕެންޓަގަންގެ ރަސްމީ ރިވާޔަތާއި ވަރަށް ތަފާތު ރިވާޔަތެކެވެ. ޕެންޓަގަނުން ބުނާ ގޮތުގައި، ދާދި ފަހުން އެ މަނަވަރުގެ އޮޕަރޭޝަނަށް ހުއްޓުމެއް އައީ އޭގެ ލޯންޑްރީ ބައިގައި ހިނގި، ހަނގުރާމައާ ގުޅުމެއް ނެތް އަލިފާނުގެ ހާދިސާއެއްގެ ސަބަބުންނެވެ.

އަސްކަރީ އޮފިޝަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ މަނަވަރުގެ ދިހަވަރަކަށް ފަޅުވެރިންނަށް ވަނީ ދުމުގެ ސަބަބުން އަސަރުކޮށްފައެވެ. އެކަމަކު، ޓުރަމްޕްގެ ވާހަކައިން ދޭހަވަނީ ކުރިން ޤަބޫލުކުރި ވަރަށް ވުރެ ކުރިމަތިވި ގެއްލުމާއި، ނުރައްކާތެރިކަމުގެ މިންވަރު މާބޮޑު ކަމަށެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑު މި ވަގުތު އޮތީ، ލިބުނު ގެއްލުންތަކާ އެކު ކްރޮއޭޝިޔާގައި ބަނދަރުކޮށްފައެވެ. ކަނޑުގެ ސިފައިން ބުނާ ގޮތުން ރަތް ކަނޑުގައި ޑިއުޓީ ކުރުމަ ށްފަހު ކުރިން "ޝެޑިއުލްކޮށްފައިވާ މަރާމާތުގެ މަސައްކަތަށް" ކްރޮއޭޝިއާގައި ބަނދަރު ކުރީއެވެ.

ނަމަވެސް މެރިޓައިމް އޮބްޒާވަރުން ފާހަގަ ކޮށްފައިވާ ގޮތުގައި، މުހިންމު ސްޓްރަކްޗަރަލް އެސެސްމަންޓްތަކެއް ކުރިއަށްދާއިރު، "ލޯންޑްރީގައި ރޯވި އަލިފާނަކީ" އޮޕަރޭޝަން އެޕިކް ފިއުރީގައި ލިބުނު ގެއްލުންތައް ފޮރުވުމުގެ ގޮތުން ދައްކާ ބަހަނާއެކެވެ.

"17 ދިމާލަކުން" ޙަމަލާތައް ދިން ކަމަށް ބުނާ މައްސަލަ، އިސްތިރާޖީ ތަޖުރިބާކާރުން ދަނީ މިހާރު ތަޙުލީލު ކުރަމުންނެވެ.

އީރާނުގެ ޙަމަލާއަކީ އެ މަނަވަރުގެ އޭޖިސް ދިފާޢީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ރޭވުންތެރިކަމާއެކު ދީފާއިވާ ވަރަށް މުޢައްޤަދު ޙަމަލާއެއް ކަމަށް ބެލެވޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެވާހަކަ އެއީ ތެދެއް ކަމަށް ވެއްޖެނަމަ، އެއީ ކަނޑުގެ އަޑިންނާއި، މަތިންނާއި، އަދި ވައިގެ ތެރޭގައި މިސައިލް ބޭނުންކޮށްގެން އެއްފަހަރާ އެތައް ދިމާލަކުން ޙަމަލާދިނުމުގެ ޤާބިލުކަން އީރާނަށް ލިބިފައިވާ ކަމުގެ ހެއްކެކެވެ. އަދި އެކަން ވެގެންދާނީ އީރާނުން ހޯދާފައިވާ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

ޔޫއެސްއެސް ޖެރަލްޑް އާރު ފޯޑު ހަނގުރާމައިގެ މައިދާނުން ގެންދަން ޖެހުމުން، މެދުއިރުމަތީގައި އުފެދިފައިވާ ބާރުގެ ހުސްކަން ފޫބެއްދުމުގެ ގޮތުން، އެމެރިކާއިން ވަނީ ޔޫ.އެސް.އެސް ޖޯޖް އެޗް.ޑަބްލިއު. ބުޝް ކިޔާ މަނަވަރު ނޯފޯކުއިން މެދުއިރުމައްޗަށް ބަދަލުކޮށްފައެވެ. މި ހާދިސާގެ ސަބަބުން ރަތް ކަނޑު ފަދަ، ކަނޑުގެ ހަނި މަގުތަކުގައި ޒަމާނީ އެސިމެޓްރިކް ހަނގުރާމަތަކަށް އެންމެ ކުރިއަރާފައިވާ މަނަވަރުތަކުގެ ނާޒުކުކަމާއި އަދި ކުރިމަތިވާ ހިރާސްއާ މެދު ސުވާލުތަކެއް އުފެދިފަ އެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.