ސްޕިއާ ފިޝިން އަންނަ އަންނަ މަހުގެ ތެރޭގައި ހުއްދަ ދޭން ނިންމައިފި އެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ އެކަމާ ގުޅޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެެ.
ރާއްޖޭގައި ސްޕިއާ ފިޝިން އަށް އަލުން ހުއްދަ ދޭން ނިންމި އިރު، އެކަން ރާއްޖޭގައި މަނާކޮށްފައި އޮންނަތާ 40 ވަރަކަށް އަހަރު ވަނީ ވެފަ އެވެ.
ނަމަވެސް އެކަމަށް އަލުން ހުއްދަ ދޭން ނިންމީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުންނެވެ.
"ސްޕިއާ ފިޝިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަންނަމަސްތެރޭގަ އިތުރު ގަވާއިދަކާ އެއްކޮށް އަޅުގަނޑުމެން ހުޅުވާލާނަން. އެހެންވީމަ އެވެސް މުޅިން އާ ސެގްމެންޓެއް." ތޯރިގް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ޓެކްނިކަލް ރެކްރިއޭޝަން ޑައިވިންގައި 40 މީޓަރަށް ޑައިވްކުރުމަށް ހުއްދަ ދިނުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ބާވަތުގެ ޑައިވް މިހާރު ކުރެވެނީ 30 މީޓަރަށެވެ.
"މިއީ ވަރަށް މަޤުބޫލު ބާވަތެއްގެ ޑައިވިންއެއް. އިންޑަސްޓްރީގެ ފަރާތަތްކާއެކު ވާހަކަ ދައްކަމުން މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ. "ރެގިއުލޭޝަނަށް ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން، އެޕްރީލް މަހު 40 މީޓަރަށް ޓެކްނިކަލް ރެކްރިއޭޝަން ޑައިވިން ހުޅުވާލެވޭނެ ކަމަށް."