އަޅުގަނޑުމެންގެ ޙަޔާތުގައި މި ހިނގަނީ ދުނިޔޭގެ ތާރީޚުގެ މިޞްރާބު ބަދަލު ކޮށްލާނެ ހަނގުރާމައެއް ކަމުގައި ފެނެ އެވެ.
1071މ. ވަނަ އަހަރު ސަލްޖޫކް ތުރުކީންގެ ސުލްޠާން އަލްޕް އަރުސްލާން އިސްކޮށް ހުންނަވައި ކުރެއްވި، އެ ހަނގުރާމައިގެ ސަބަބުން ބައިޒަންޓައިން ރޯމަނުން (ނުވަތަ "ރޫމީން") ބަލިވެ ، ތުރުކީ ނުވަތަ އަނަޓޯލިއާގެ ބިންތައް މުސްލިމުންނަށް ހުޅުވިގެންދިޔަ މަޝްހޫރު "މަލާޒްގިރްތު" ހަނގުރާމަ އާއި ، 1187މ. ގައި ސުލްޠާން ޞަލާޙުއްދީން އަލްއައްޔޫބީ 88 އަހަރުގެ އަޅުވެތިކަމަށްފަހު ބައިތުލް މަޤްދިސް (ޖެރޫސަލަމް – އަލް ޤުދުސް) އަލުން މިނިވަންކުރެއްވި މަޝްހޫރު "ޙިއްޠީން" ހަނގުރާމަޔާއި ، ސުލްޠާން ސައިފުއްދީން ޤުޠުޒް އާއި ސުލްޠާން ރުކްނުއްދީން ބައިބާރްސް މޮންގޯލުން 1260މ. ގައި ބަލިކުރެއްވި މަޝްހޫރު "ޢައިން ޖާލޫތު" ހަނގުރާމަ އާއި ، "މާތް ވެގެންވާ އަމީރަކާއި މާތްވެގެންވާ ލަޝްކަރަކުން" ޤުސްޠަންޠީނިއްތާ ފަތަޙަ ކުރައްވާނެ ކަމުގައި ދެއްވާފައިވާ ނަބަވީ ބަޝާރަތުގެ ޝަރަފު ހޯއްދެވި ތުރުކީ ޢުޡްމާނީ މަތިވެރި ރަސްގެފާނު މުޙައްމަދުލް ފާތިޙް 1453މ. ގައި ކޮންސްޓަންޓިނޯޕަލް (ޤުސްޠަންޠީނިއްޔާ) ނުވަތަ މިހާރުގެ އިސްތަންބޫލް ފަތަޙަކުރެއްވުމާއި އަދި އަޅުގަނޑުމެންގެ "މި ޒަމާނުގައި" ، ދެވަނަ ބޮޑު ހަނގުރާމައިގައި ރޫސީ ލަޝްކަރުގެ ކޮމާންޑަރަކަށް ހުންނެވި ޖޯޖީ ޜޫކޯވް 1942 އިން 1943 އަށް ކުރެއްވި ، އެ ހަނގުރާމައެއްގެ ސަބަބުން ހިޓްލަރާއި ނާޒީ ޖަރުމަނުން ބަލިވާން ފެށި މަޝްހޫރު "ސްޓާލިންގްރާޑް ހަނގުރާމަ" ފަދަ ތާރީޚީ ހަނގުރާމަ އެއް އަޅުގަނޑުމެންގެ ލޯމަތިން ފެންނަނީ ކަހަލައެވެ.
މި ހަނގުރާމައިން މުސްލިމުން މޮޅު ވެއްޖެނަމަ އެއީ ދުނިޔެއަށް މުޞީބާތަކަށް ވެފައިވާ އެމެރިކާގެ ސުޕަރޕަވަރ ގެ އިރު އޮއްސެން ފެށުމެވެ. ނުބައި އިޒްރޭލުގެ މައިކަށި ބިނދި ބިންފޭރޭ ބައިގަނޑުގެ ބޮޑާކަމާއި އަނިޔާވެރި ކަން ނިމުމަކަށް އައުމުގެ ފެށުމެވެ.
މުސްލިމުން ބަލި ވެއްޖެ ނަމަ އެއިގެ ނަތީޖާއަކީ އިޒްރޭލަކީ އެއްވެސް ބަޔަކަށް ތަޙައްދީ ނުކުރެވޭނެ މެދު އިރުމަތީގެ ސުޕަރޕަވަރ އަށް ވުމެވެ. ކާރީގައި ތިބި އަޅުދާސްތު ، ވިޔާނުދާ ، ބަލިކަށި ، ޢަރަބި ގައުމު ތައް ދިރުވާލައި ބިޔަ އިޒްރޭލު އުފެއްދުމުގެ މަސައްކަތް ފަހި ވެގެން ދިއުމެވެ.
ދުނިޔޭގެ ފެންވަރުގެ މުޙައްލިލުން މި ހަނގުރާމަޔާއި މެދު ދެކޭ ގޮތަށް ބަލާލަމާ ހިންގަވާށެވެ.
ހަނގުރާމަ ފެށީ އީރާނުގެ މަތީ ފަންތީގެ ލީޑަޝިޕަށް އަމާޒުކޮށް އެމެރިކާއާއި އިޒްރޭލުން ދިން "ވެރިން ނައްތާލުމުގެ" ޙަމަލައިންނެވެ. ޙަރުބީ ކާފަރުންނާއި އެއްބައިވެ ، ތިމާމެންގެ ބިންތަކުން ކާފަރު ދުޝްމިނުންނަށް ޖާގަދީ ، ކާފަރުން އެ ބިންތަކުގެ ބޭނުންކޮށްގެން ޢިރާޤު ފަދަ މުސްލިމުންގެ ގައުމުތަކާއި ރަށްތައް ސުންނާފަތިކޮށް ، އިސްލާމުންގެ ލޭ އޮހޮރުވުމަކީ ދީނީ ގޮތުން އެހާ ނުރަނގަޅު ކަމެއް ކަމުގައި ނުވާ ދީނީ ނަޒަރިއްޔާ އެއް އޮންނަ ޢަރަބި ގައުމުތަކުގެ އެހީ އާއި އެކުގައެވެ.
ޢަދުއްވުން ހީކުރީ މި ޙަމަލާތަކަށް ފަހު އީރާނުގެ ސަރުކާރު ވެއްޓި، އެ ޤައުމު ހަތިޔާރު ބަހައްޓާނެ ކަމަށެވެ. ވެނެޒިއުލާ އާއި ސީރިޔާގެ ބައްޝާރުލް އަސަދުގެ ކަންތައް ނިމުނު ގޮތަށް އީރާން ވެސް ނިމޭނޭ ކަމުގައެވެ. ނަމަވެސް ކަންތައްތައް އިރާދަ ކުރެއްވީ އެޔާއި ދިމާ އިދިކޮޅަށެވެ.
އީރާނުގެ ރައްޔިތުން އެތާނގެ ވެރިންގެ ފަހަތުގައި ސާބިތު ވިއެވެ. އީރާނުން ވަގުތުން ރައްދު ޙަމަލާދިނެވެ. ދޫނުދީ ހިފަހައްޓަން ފެށިއެވެ. އީރާނުގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސިސްޓަމް އޮތީ ސަލާމަތުންނެވެ. ބެލިސްޓިކް މިސައިލްތަކުގެ ކޮށާރު ތަކުގައި ހުރި ބާރާއި އީރާނުގެ މިލިޓަރީ ޓެކްނޮލޮޖީގެ މޮޅުކަމުން އެމެރިކާގެ ސަރަޙައްދީ ބާރުތަކާއި އިޒްރޭލް ރޯނާ ގަންނަވައި މުޅި ދުނިޔެ ޙައިރާން ކުރުވައިފިއެވެ. އީރާނުން "ހުރްމުޒް ކަނޑުއޮޅި" ކޮންޓްރޯލް ކޮށް އެތާގައި މަރުތަޅު އަޅުވައިފިއެވެ.
މި ހަނގުރާމައިގެ ބޭނުމަކީ އިޒްރޭލްގެ އަނިޔާވެރި "ދާދާގިރީ" އާއި ބިޔަ އިޒްރޭލުގެ ޕްރޮޖެކްޓަށް ހުރަސް އެޅޭވަރުގެ ހިތްވަރަކާއި އުރައްޕެއް ހުރި ހަމައެކަނި އިސްލާމީ ގައުމުގެ ދުވަސް ދުއްވާލުމެވެ. އީރާނުން އިޒްރޭލާއި ސީދާ ކުރިމަތި ލުމަކަށް ނުގޮސް ، މަޑުގިނީގައި ނުސީދާކޮށް ހަނގުރާމަ ކޮށް އިޒްރޭލަށް ދުއްޕާން ކުރަމުން އަންނަތާ އެތައް ދަހަރެއް ވެއްޖެއެވެ. އެއީ އީރާނުގެ ޕްރޮކްސީ ބާރު ތައް ކަމަށްވާ ޙިޒުބުﷲ އާއި ، އަންޞާރުﷲ އާއި އަދި ފަލަސްޠީނުގެ މުޤާވަމާގެ މުޖާހިދުންނަށް އެހީތެރިވެ ދީގެންނެވެ.
މި ހަނގުރާމައިގައި އީރާން "ގަދަވުމުގެ މާނަޔަކީ ބަލި ނުވުމެވެ". އެއިގެ މާނަޔަކީ އީރާނުގެ އިސްލާމީ އިންޤިލާބީ ސަރުކާރުގެ ނިޒާމް ސަލާމަތުން އޮވެ ، ގައުމު ބައިބައި ނުވެ ، ގައުމު ބޭރުގެ ބާރުތަކުގެ އަތްދަށު ނުވެ ، ގައުމުގެ މިލިޓަރީ އިންޑަސްޓްރިއަލް އިންފްރާސްޓްރަކްޗަރ އަލުން ދިރުވޭ ފަދަ ޙާލަތެއްގައި އޮވެ މި ހަނގުރާމަ ނިންމާލެވުމެވެ.
މިގޮތަށް އީރާން އޮވެ ހަނގުރާމަ ނިމިއްޖެނަމަ އެއިގެ މާނަޔަކީ އިޒްރޭލާއި އެމެރިކާ މިހަނގުރާމަ ފެށި އަމާޒު ކާމިޔާބު ނުވީއެވެ. އާދެ، އެމީހުން ބަލިވީއެވެ.
މި ހަނގުރާމަ ކާމިޔާބުވުމަކީ ނުވަތަ މަތީގައި ދެންނެވި ހަތަރު ކަންތައް ސަލާމަތުން އޮވެ ހަނގުރާމަ ނިންމާލެވުމަކީ އީރާނަށް އެގައުމުގެ ދެމިއޮތުމާއި ނުއޮތުން އެއިގެ މައްޗަށް ބިނާވެފައިވާ ނުވަތަ "އެގްޒިސްޓެންޝަލް" ކަމެކެވެ. ހަމަ މިފަދައިން މި ހަނގުރާމައިން އީރާން ބަލި ވުމަކީ އިޒްރޭލަށްވެސް "އެގްޒިސްޓެންޝަލް" ދަރަޖައިގެ ކަމެކެވެ.
ސަބަބަކީ އީރާނަކީ އިޒްރޭލުގެ އެންމެ ބޮޑު އެއް "ޖާނީ ދުޝްމަން" ކަމުގައި ވެފައި މިއީ އީރާނާއި ދެކޮޅަށް އިޒްރޭލަށް ޖެހޭނޭ ފަހު އެތިފަހަރަށް ވެދާނެތީއެވެ. އިޒްރޭލަކީ އެމެރިކާޔާއި ނުލައި އެއްވެސް އެއްޗެއް ނޫނެވެ. އެމެރިކާގެ ރައްޔިތުންގެ ތެރޭގައި އިޒްރޭލަށް ތާއީދު ނުކުރުމުގެ ޝުޢޫރު ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. އެހެން ކަމުން އިޒްރޭލުގެ ބައެއް މުޙައްލިލުން ދެކޭގޮތުގައި މިއީ އިޒްރޭލަށްޓަކައި އެމެރިކާ މިގޮތަށް ހަނގުރާމަޔަކަށް ނެރެވޭނެ އެންމެ ފަހު ފަހަރު ކަމުގައި ވުން ވަރަށް ގާތެވެ.
މިހަނގުރާމައިން އީރާން ބަލި ނުވެއްޖެނަމަ އޭގެ ނަތީޖާ ދުނިޔޭގެ ހުރަހަށާއި ދިގަށް ފެނިގެން ދާނެއެވެ. ދުނިޔެއަށް ޖިއޯޕޮލިޓިކަލް ޒަލްޒަލާއެއް އަންނާނެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންތައް ފާހަގަ ކުރެވެއެވެ.
● އެމެރިކާގެ ސުޕަރަޕަވަރ ކަން ގެއްލުން: މި ހަނގުރާމަޔަށްފަހު އެމެރިކާޔަކީ ދުނިޔޭގައިވާ ހަމައެކަނި ސުޕަރޕަވަރ ގެ ގޮތުގައި ބަޔަކު ނުބަލާނެއެވެ. އެމެރިކާ ވާނީ މަލާމާތް ލިބިގެންވާ ، ދަތްނެތް ސިންގާ އަކަށެވެ. އެމީހުންގެ ކެރިއަރ ތަކާއި މަތިންދާބޯޓު ތަކަކީ ހިތްވަރާއި ވަރުގަދަ މިސައިލްތައް ހުރި ގައުމެއްގެ ކުރިމަތީގައި މާބޮޑު އެއްޗެއް ނޫންކަން ސާބިތު ވެއްޖެއެވެ.
● ޕެޓްރޯ-ޑޮލަރުގެ ބާރު ކެނޑުން: ތެޔޮގަނެ ވިއްކުމުގެ މުޢާމަލާތް ކުރަން ޖެހެނީ ޑޮލަރުން ކަމުގައި ހަދާފައި އޮތުމަކީ އެމެރިކާނުން ދުނިޔޭގެ މާލިއްޔަތު ކޮންޓްރޯލް ކުރާ އެންމެ ބޮޑު އެއް ބާރެވެ. ތެލުގެ ބާޒާރުގައި ޑޮލަރަށް އޮތް އިތުބާރު ކުޑަވެ ، ރަޝިޔާއާއި ޗައިނާ ފަދަ ޤައުމުތަކުން އެހެން ފައިސާ ބޭނުންކުރަން ފެށުމުން އެމެރިކާގެ މާލީ ބާރުވެރިކަން ކުޑަވެގެންދާނެއެވެ.
● ގަލްފުގެ ޢަރަބި ޤައުމުތަކުގެ އިތުބާރު އެމެރިކާޔަށް ގެއްލުން: ޢަރަބި ޤައުމުތަކުގެ ސިކިއުރިޓީ ޙަވާލު ކޮށްފައި ވަނީ އެމެރިކާއަށެވެ. ނަމަވެސް އެމެރިކާޔަށް އެގައުމު ތަކަށް އެއްވެސް ރައްކާތެރި ކަމެއް ނުދެވުނުތާ އެމީހުންގެ އަމިއްލަ މިލިޓަރީ ބޭސްތައްވެސް ސަލާމަތެއް ނުކުރެވުނެވެ. އެމީހުންގެ މިލިޓަރީ ބޭސްތައް ފުނޑުފުނޑު ކޮށްލުމުން އެތަންތާގައި ތިބި އެމެރިކާގެ ސިފައިން މިއަދު އެއުޅެނީ ޢަރަބި ރަށްރަށުގެ ހޮޓާ ތަކުގައި ފިލަފިލައިގެންނެވެ. އެތަންތަނުންވެސް އީރާނުގެ މިސައިލްތަކާއި ޑްރޯންތައް އެމީހުން ޝިކާރަ ކުރަނީއެވެ. އެހެން ކަމުން ޢަރަބިން އެމެރިކާގެ ރައްކާތެރިކަމަށް ކުރާ އިތުބާރު ގެއްލި ، ސަރަޙައްދީ ސުޕަރޕަވަރ އެއްގެ ގޮތުގައި ނިކުންނާނޭ އީރާނާއި ، ރަޝިޔާއާއި ޗައިނާއާއި ގުޅުން ބަދަހިކުރަން މަޖުބޫރު ވާނެއެވެ. ސަޢޫދީ ޢަރަބިއްޔާ އާއި ޔޫ.އޭ.އީ ފަދަ ޤައުމުތަކުން އެމެރިކާގެ ބަދަލުގައި އެހެން ބާރުތަކަކަށް ބަރޯސާވާން ފަށަން މަޖުބޫރު ވާނެއެވެ. އެމެރިކާނުންނަށް ޖެހޭނީ ގަލްފުގެ މިލިޓަރީ ބޭސްތައް ދޫކޮށްލާފައި ދާށެވެ. މިއީ އީރާނުގެ އެންމެ ވަރުގަދަ އެއް ޝަރުޠުވެސް މެއެވެ.
● ނިއުކްލިއަރ ބާރުވެރިކަން: އީރާނުން އެގައުމުގެ ނިއުކްލިއަރ މަސައްކަތްތައް ހަލުވިކުރުމުގެ ފުރުޞަތު ބޮޑެވެ. ސަޢޫދީ ޢަރަބިއްޔާއާއި ތުރުކީ ފަދަ ޤައުމުތަކުންވެސް ނިއުކްލިއަރ ހަތިޔާރު އުފައްދަން މަސައްކަތް ކުރުމުގެ ފުރުޞަތު ބޮޑެވެ. ގިނަ މުސްލިމް ގައުމު ތަކުގައި ނިއުކްލިއަރ ހަތިޔާރު ހުރުމަކީ އިޒްރޭލަށް އޮތް އިތުރު ބިރެކެވެ.
● ޕްރޮކްސީ ގްރޫޕްތަކުގެ ބާރުގަދަވުން: ހިޒްބުﷲ އާއި ހޫޘީންނާއި ޙަމާސް ފަދަ ހިތްވަރުގަދަ ރެސިސްޓެންސް ޙަރަކާތް ތަކަށް އީރާނުގެ އެހީތެރިކަން އިތުރަށް ލިބި، އެމެރިކާއާއި އިޒްރޭލުގެ މަޞްލަޙަތުތަކަށް ނުރައްކާ ކުރުން އިތުރުވާނެއެވެ.
● ޗައިނާއިން ސްޓްރެޓީޖިކް ފުރުޞަތުގެ ބޭނުން ހިފުން: އެމެރިކާ އީރާނު ހަނގުރާމައިގައި ތާށިވެފައި އޮންނަ މި ވަގުތު ، ޗައިނާއިން މިހާރު ދާނީ އެމެރިކާގެ މިލިޓަރީ ބަލިފައި ކަންތައް ވަރުގަދަޔަށް ދިރާސާ ކުރަމުންނެވެ. ޕެސިފިކް ސަރަޙައްދުގައި ޗައިނާގެ ބާރު ގަދަކޮށް، ޓައިވާން ފަދަ ތަންތަން ޗައިނާގެ ދަށަށް ގެނައުމުގެ ކަންތައް އަވަސް ކުރުމުގެ ފުރުޞަތު ބޮޑުވާނެއެވެ.
● އެމެރިކާގެ އެތެރޭގެ މައްސަލަތައް: ތެލުގެ އަގު އުފުލުމާއި، ހަނގުރާމައިގައި މަރުވާ ސިފައިންގެ ޢަދަދު ގިނަވުމުގެ ސަބަބުން އެމެރިކާގެ ރައްޔިތުން ޓްރަމްޕާއި ދެކޮޅަށް ތެދުވާނެއެވެ. މިއީ ވިއެޓްނާމް އަދި އަފްޣާނިސްތާނުގައި ވީ ފަދައިން އެމެރިކާއަށް މަޖުބޫރުން ފަހަތަށް ޖެހެންޖެހޭނެ ސަބަބަކަށް ވެދާނެއެވެ.
● އީރާނަކީ "އެމްޕަޔަރު ތަކުގެ ސަހަރާ" އަށް ވެދާނެތަ؟
ތާރީޚަށް ބަލާއިރު އަފްޣާނިސްތާނަކީ ބޮޑެތި ބާރުތައް ބަލިވެގެންދިޔަ ތަނެކެވެ. އީރާނަކީވެސް އެފަދަ ތަނަކަށް ވުމުގެ ފުރުޞަތު އެބައޮތެވެ. އީރާނުގެ ބިމަކީ ތިރީގައިވާ ޗާޓުން ފެންނަ ފަދައިން ފަރުބަދަތަކުން ވަށާލެވިފައިވާ ، އަރައިގަންނަން އުނދަގޫ ، ބިންމަތީގައި ހަނގުރާމަކުރަން އުނދަގޫ ވާނޭ ތަނެކެވެ. މީގެ އިތުރުން އީރާނުގެ ސިފައިންނަކީ ވޭތުވެދިޔަ 40 އަހަރުއްސުރެ މިފަދަ ދުވަހަކަށް ތައްޔާރުވަމުން އައި ބައެކެވެ. އެއްގަމުގެ ހަނގުރާމައެއްގައި އީރާނުގެ "ގެރިއްލާ" ހަނގުރާމައިގެ އުކުޅުތަކުގެ ސަބަބުން އެމެރިކާގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
ޢިރާގު ހަނގުރާމައިގައި އެމެރިކާނުން ދާދި އަވަހަށް ކާމިޔާބު ހޯދިޔަސް އީރާނާއި ކުރާ ހަނގުރާމައެއްގައި އެފަދައިން ނުވާނެ ސަބަބު ތަކެއް ވެއެވެ.
އީރާނަކީ ޢިރާޤަށްވުރެ ހަތަރު ގުނަ ބޮޑު ޤައުމެކެވެ. އެ ޤައުމުގެ ބިމުގެ 50 އިންސައްތައަކީ "ޒާގްރޯސް" އަދި "އަލްބްރޯޒް" ފަރުބަދަތަކެވެ. މި ފަރުބަދަތަކުގެ ސަބަބުން އެމެރިކާގެ ސިފައިންނަށް ކުރިއަށް ދިއުމަށް އޮންނާނީ ވަރަށް ހަނި މަގުތަކެކެވެ. މި މަގުތަކަކީ އީރާނުގެ ސިފައިން ފިލައިތިބެ ޙަމަލާދޭން ވަރަށް ފަސޭހަވާނޭ ތަންތަނެވެ.
ޢިރާޤުގައި އޮންނަނީ ސަރާސަރު ބިންތަކެއް ކަމަށްވިޔަސް، އީރާނަކީ ފަރުބަދަތަކާއި ހަނަފަސް ސަރަޙައްދުތައް މަސްހުނިވެފައިވާ "މައުންޓަން ޑެޒަރޓް ހައިބްރިޑް" އެކެވެ. މިއީ އެއްގަމު ސިފައިންނަށް ހަނގުރާމަ ކުރަން އޮތް އުނދަގޫ މާޙައުލެކެވެ.
އީރާނުގެ އައި.އާރް.ޖީ.ސީ (IRGC) އިން ބޭނުންކުރަނީ "މުޒައިކް ޑޮކްޓްރިން" އެވެ. މީގެ މާނައަކީ މަރުކަޒީ ސަރުކާރުގެ އަމުރެއް ނެތަސް، ކޮންމެ ސަރަޙައްދެއްގެ ކޮމާންޑަރަށް އަމިއްލައަށް ނިންމުންތައް ނިންމައި ޙަމަލާދިނުމުގެ އިޚްތިޔާރު އޮތުމެވެ. އެހެންކަމުން ތެހެރާނުގެ މައި މަރުކަޒުތަކުގެ އިރުޝާދާއި ނުލައިވެސް ހަނގުރާމަ ކުރިޔަށް ދާނެއެވެ.
އެމެރިކާގެ މިހާރުގެ އަމާޒަކީ އީރާނުގެ ތެޔޮ އެކްސްޕޯރޓް ކުރާ ހަބް ކަމުގައިވާ ޚާރގް ޖަޒީރާ އަތްދަށު ލެވޭތޯ ބެލެމެވެ. ނަމަވެސް މިއީވެސް ފަސޭހަ ކަމަކަށް ނުވެއެވެ. ސަބަބަކީ މިއީ ލޮޖިސްޓިކަލް ގޮތުން ބިރުހުރި "ނައިޓްމެއަރ" އެކެވެ.
އެ ރަށުގައި އެމެރިކާގެ ސިފައިންނަށް މުއްދަތަކަށް ތިބެވޭނީ ވަރުގަދަ ސަޕްލައި ލައިނެއް އޮވެގެންނެވެ. އެތަނަށް ސަޕްލައި ކުރުމަކީ ނުހަނު އުދަނގޫ ކަމަކަށް ވާނެއެވެ.
އީރާނުން އިންޒާރު ދީފައިވަނީ އެފަދަ ޙަމަލައެއް ދިނުމަށާއި އެމެރިކާއަށް ސަޕްލައި ފޯރުކޮށްދިނުމަށް އެހީތެރިވާ ކޮންމެ ޤައުމަކަށް އީރާނުން ވަރުގަދަޔަށް ޙަމަލާ ދޭނެއެވެ. މިއީ މިކަމުގައި ބައިވެރި ވާނެ ކަމަށް ބުނަމުން އަންނަ ޔޫ.އޭ.އީ އަށް ދިން އިންޒާރެކެވެ. ޚާރްގް އައިލެންޑް ފަދަ ތަނެއްގައި ތިބޭ އެމެރިކާގެ ސިފައިންނަށް އީރާނުގެ ޑްރޯންތަކާއި، މިސައިލްތަކާއި، އަދި ކަނޑުއަޑީގެ މައިންތަކުގެ ނުރައްކާ އަބަދުވެސް އޮންނާނެއެވެ.
ޚުލާޞާކޮށް ބުނާ ނަމަ، އީރާނަށް އެއްގަމު މަގުން އެރުމަކީ އެމެރިކާ ސިފައިންގެ މަޤްބަރާއަކަށް އެ ޤައުމު ވެގެންދާނެ ކަމެއް ކަމަށް އީރާނުގެ ކޮމާންޑަރުން ދަނީ ބުނަމުންނެވެ.
އީރާނުން މި ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި އެމެރިކާގެ ވޮޝިންޓަނަށް ޙަމަލާ ދޭކަށް ނުޖެހެއެވެ. އީރާނުން ކުރަންޖެހޭ ކަމަކީ އެމެރިކާއަށް ދެވޭ ގެއްލުން ބޮޑުކޮށް ، ދިގު ދަންމައި ، އެމެރިކާގެ ތެރޭގައި ސަރުކާރާއި ދެކޮޅު ރޫޙެއް އުފެއްދުމެވެ. މީގެ ސަބަބުން އެމެރިކާގެ ރައްޔިތުން ހަނގުރާމައާއި ދެކޮޅަށް ތެދުވެ ، ސިފައިން ބޭލުމަށް މަޖުބޫރު ކުރުވާނެއެވެ.
މި ހަނގުރާމައިގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، މުޅި ދުނިޔެއަށް މީގެ އަސަރު ކުރާނެއެވެ.
އީރާން މޮޅުވެއްޖެ ނަމަ ނުވަތަ އީރާން ބަލި ނުވެ މިހަނގުރާމަ ނިމިއްޖެ ނަމަ އެމެރިކާޔަށް މެދުއިރުމަތީގެ ކޮންޓްރޯލް ގެއްލި ، އިޒްރޭލުގެ ބާރު ދަށްވެ ، ރަޝިޔާ އާއި ޗައިނާގެ ނުފޫޒު އެހިސާބުގައި ގަދަވެ ، ހުޅަނގުގެ އިގްތިޞާދީ އިސްތިޢުމާރާއި ދެކޮޅަށް މަސައްކަތް ކުރާ "ބްރިކްސް" އިއްތިޙާދުގެ ބާރު ގަދަވެ ، މެދުއިރުމަތީގައި ސުންނީ ގައުމު ތަކާއި އީރާން ބައިވެރިވާ އިސްލާމީ އިއްތިޙާދެއް އުފެދުމުގެ ފުރުޞަތު ހުޅުވިގެން ދާނެއެވެ.
މީގެ އިތުރުން ދުނިޔޭގެ މުސްލިމުންގެ ތެރެއިން ދާދި މަދު ބަޔަކު ނޫނީ އެންމެހައި މުސްލިމުން އެކަމަށް ޙަމްދު ކޮށް އުފާ ކުރާނެއެވެ.
މިހަނގުރާމައިން އީރާން ބަލިވެއްޖެ ނަމަ ދުނިޔޭގެ މުސްލިމުންގެ ތެރެއިން މަދު ބަޔަކު ނޫނީ އެކަމަށް ހިތާމަ ކުރާނެއެވެ. އިޒްރޭލަކީ ސަރަޙައްދުގެ ސުޕަރަ ޕަވަރ އަށް ވާނެއެވެ. ބިޔަ އިޒްރޭލު އުފެއްދުމަށް ހުރަސް އެޅޭނެ އެއްވެސް ގައުމެއް ނޯންނާނެއެވެ. ޢަޖައިބުވާ ކަމަކީ ރޯމާ ދުވާލުހެން ފެންނަން ހުންނަ މިފަދަ ޙަގީގަތް ތަކަށް ޢަރަބި ވެރިން ލޯމަރާލާފައި ވާ ކަމެވެ. އަދި މިހަނގުރާމައިން އީރާން ބަލިވާން އެދޭ މަދު ބަޔަކު މުސްލިމުންގެ ތެރޭގައިވެސް އުޅޭ ކަމެވެ.
ﷲ ގެ މަތިވެރި ރަޙުމަތް ޕުޅާއި ، އީރާނުގެ މުސްލިމުންގެ ހިތްވަރާއި ، ކުޅަދާނަ ކަމާއި ، އިސްލާމީ އުންމަތުގެ ދުޢާއާއި އެކު އަދި މިހާތަނަށް ހަނގުރާމައިގެ ލަގަން އޮތީ އީރާނުގެ އަތުގައެވެ. އީރާނަށް ބޮޑެތި ގެއްލުންވެ އެމީހުންގެ އިސް އެތައް ބޭފުޅުން ޝަހީދުވަމުން ދިޔަޔަސް ، އިޒްރޭލުގެ މީހުންވެސް އެތިބީ ނުލާހިކު ޙާލުގައެވެ. އެތާގެ ބޮޑެތި ރަށްރަށަށް ބޮޑެތި ގެއްލުން ލިބިއްޖެއެވެ. ދަނީވެސް ލިބެމުންނެވެ. އެތަނުގެ މައި ދޮރާށި ކަމުގައިވާ ބެންގޫރިއަން އެއަރޕޯރޓް ވަނީ ބަންދު ވެފައެވެ. އެތަނުން ދުވަހަކު އެންމެ ފްލައިޓެއް މިންވަރު މެނުވީ ނުފުރައެވެ. ބޮޑެތި ރަށްރަށުގައި ތިބި ބިންފޭރޭ (އިޒްރޭލު) އަހުލުވެރިން އެއުޅެން ޖެހެނީ ރޭގަނޑު ލޮލުފިޔަ ނުޖަހައެވެ. އީރާނުގެ ޙަމަލަ ތައް ބަހާލާފައިވާ މޮޅު ކަމުން އެމީހުން ރެޔަކު ދެތިން ފަހަރު ދުވެގޮސް ބިންގަރާހަށް ވަންނަން ޖެހެއެވެ. ނިދި ހަމަ ނުވާތީ އެމީހުން އެންމެން ތިބީ ނަފްސާނީ ވެފައެވެ. މުޅި ގައުމު އޮތީ ރުޅި ގަދަވެ ރުންކުރު ވެފައެވެ.
އީރާނުގެ ވެރިންނަށްވެސް ކާރީގައި އެތިބި ޢަރަބި ވެރިންހެން އެމެރިކާއާއި އިޒްރޭލާއި ނުތޮޅެ ، އެމީހުންގެ ޖަރީމާތަކަށް ލޯމަރާލާއިގެން ، އެމީހުންނަށް ޗަންދާ ދީގެން ، އަރާމާއި އުފަލުގައި ، ބޮޑެތި ގަނޑުވަރު ތަކުގައި އުޅުމަށް ފުރުޞަތު އޮތެވެ. މިހާރުވެސް އެފުރުޞަތު އޮންނާނެއެވެ. ނަމަވެސް އީރާނުގެ މީހުން ޚިޔާރު ކުރީ ޢިއްޒަތް ތެރި ކަމުގެ މަގެވެ. ހިތްވަރު ކުރުމެވެ. ކަރުބަލާގެ ރޫޙެވެ. ނިކަމެތި ، އަޅުދާސްތު ، މަލާމަތް ލިބިގެންވާ ކަންބަޅިންގެ ގޮތުގައި ގަނޑުވަރު ތަކުގައި އުޅުމަށްވުރެ ސިންގާ ތަކެއްގެ ގޮތުގައި ޝަހީދުވެ ދިއުމެވެ.
ނިކަން ދެކޭށެވެ. އަހަރެމެންގެ އުންމަތުގެ ދެ ޝަރަފް ކަމުގައިވާ މައްކާއާއި މަދީނާ ގެ ދެ ޙަރަމް ފުޅުގެ ޚާދިމް ("ޚާދިމުލް ޙަރަމައިނި") ގެ ލަޤަބު ޢަމަލީގޮތުން ލިބިގެން ހުންނެވި މުޙައްމަދު ބިން ސަލްމާނަށް ނިސްބަތްކޮށް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ މީޑިއާގެ ކުރިމަތީގައި އިއްޔެ ބުނެފައިވަނީ "އޭނާ (މުޙައްމަދު ބިން ސަލްމާން) އަހަރެންގެ ފުރަގަސް ފަރާތުގައި ބޮސް ދޭން ޖެހޭނެ" ކަމަށެވެ. އޭނާ ބޭނުންވެލައްވާ ކަންތައް ކޮށްދޭނީ އޭރުންނޯލައެވެ. މުޙައްމަދު ބިން ސަލްމާނަށް ޗުއްޕުވެސް ބުނުއްވަން ކެރުނުތޯއެވެ؟ މިއީ ސަޢޫދީ ވެރިން އެމީހުންގެ ނަފްސް ވިއްކާލައި ބިލިޔަނުން ބިލިޔަނުން އެމެރިކާޔަށް ފައިސާ ދިނީމާ ޓްރަމްޕް އެމީހުންނަށް ދިން ހަދިޔާ އެވެ. ޙައިރާންވާ ކަމަކީ މި ގޮތް ކުޑަ ކަމާއި ، ނިކަމެތި ކަމާއި ، ޣަދަރު ވެރި ކަމުގެ މަތިއޮމާން ކޮށްދޭ އަދި އެޔަށް މަގުފަހިކޮށްދޭ ދީނީ ފަލްސަފާ އަކާއި މި ނުބައިކަމުގެ ދިފާޢުގައި ވާހަކަ ދައްކާ ބަޔަކު މިދިވެހި ރާއްޖޭގައިވެސް އެބަ ތިބި ކަމެވެ. އޭގެ ތެރެއިން އެންމެ އަޑު ގަދަކޮށް ވާހަކަ ދައްކާތީ މިފެންނަ ބައެއް މީހުންނަކީ ސަޢޫދީގެ ފަރާތުން އެކަމަށްޓަކައި ބަރާބަރަށް މުސާރަ ދެމުން ދާ ބައެއް ކަމުގައި ގިނަ ފަރާތް ތަކަކުން އަޅުގަނޑުމެނަށް ޚަބަރު ލިބެއެވެ. އަނެއް ބަޔަކު އެގޮތަށް ޢަމަލު ކުރަނީ ދީނަށް ނަޞްރު ދިނުމުގެ ހެޔޮ ނިޔަތުގައި ނަމަވެސް ތަޢައްޞުބާއި އަދި ނޭނގުމުގެ ސަބަބުންނެވެ.
އެމެރިކާގެ މަޝްހޫރު ދާޢީ ޝަައިޚު ޑެނިއަލް ޙަގީގަތުޖޫ އިއްޔެ ވިދާޅުވި އަޑު އެހީމެވެ. "މިހަނގުރާމައިގައި ވަކި ކޮޅެއް ނުނަގާ ނުވަތަ ކަނޑައެޅިގެން އީރާން ބަލި ވުމަށް އެދޭ މީހުން އެ ޣަދަރުވެރިވަނީ މުޅި އުންމަތަށް އެކަންޏެއް ނޫނެވެ. އެމީހުން އެމީހުންގެ އަމިއްލަ ދަރިންނާއި ، ދަރިންގެ ދަރިންނަށްވެސް އެވަނީ ޣަދަރެވެ. ސަބަބަކީ އިޒްރޭލް މޮޅުވެ އެމީހުން އިތުރަށް ބާރުވެރި ވެއްޖެ ނަމަ އެމީހުން ސަރަޙައްދުގެ އިސްލާމުންގެ ދަރިންނަށް ހަދާލާނޭ ގޮތް ޣައްޒާގެ ކުޑަކުދިންނަށް ހަދާ ގޮތުން އެހުރީ ފެންނާށެވެ."
(ނޯޓް: އަޅުގަނޑުމެން މިފަދަ ވާހަކަތައް ދެއްކީމާ ބަޔަކަށް ހަޖަމު ނުކުރެވި ، އަޅުގަނޑުމެނަށް ފާޑުފާޑުގެ ނަންތައް ދެއްވާ ހެއްދެވިޔަސް (ތިރީގައި މިފަދަ ޙަގީގަތްތައް ހާމަ ކުރައްވާ އަޅުގަނޑުމެން ބައެއް ބޭފުޅުންނާއި މެދު މީހަކު ހަދާފައިވާ ފޮޓޯ ބައްލަވާ!) ޙަގީގަތަކީ އެހާ ފަސޭހައިން ފޮރުވާލެވޭނެ އެއްޗެއް ނޫނެވެ. ކާފަރުންނާއި ކުރާ ހަނގުރާމައެއްގައި އީރާނަށް ތާއީދު ކުރަނީ އެއީ އިސްލާމީ ދައުލަތެއް ކަމުގައި ވާތީއެވެ. އެމީހުންގެ ކިބައިގައިވާ އަހަރެމެން ސުންނީންގެ ސާފު ޢަގީދާ ޔާއި ފުށުއަރާ ކަންތަކާއި އަދި އަޅުގަނޑުމެން އެއްބަސް ނުވާނޭ ނުރަނގަޅު ޢަމަލުތަކަށް އިންކާރު ކުރާ ޙާލުގައެވެ.
މިޒަމާނުގެ "ސުންނީ" ގައުމު ތަކުންވެސް ނުފެންނަފަދަ ވަރުގަދަ ސާބިތު ކަމަކާއި، އިސްލާމީ ނިޒާމެެއް ޢަމަލީ ގޮތުން ދައްކައި ނެގެހެއްޓުމާއި ، ޤުރުބާން ވުމާއި ، ކާފަރު ދުޝްމިނުންގެ ކުރިމަތީގައި ނިކަމެތި ވެ ނުގަތުމާއި ، ހިތްވަރާއި ، ޢިއްޒަތްތެރި ކަމުގެ މާތް އިސްލާމީ ސިފަތައް އެމީހުންގެ ކިބައިން ފެންނާތީއެވެ. މިސިފަތައް އެމީހުންގެ ކިބައިގައި ހުރީ އެމީހުން ޝިޔަޢީންނަށް ވީތީކީ ނޫނެވެ. އެމީހުންނަކީވެސް ޤިބުލަޔާއި ވުޟޫ އާއި ނަމާދުގެ އަހުލުވެރި ، އުނި ކަންތަކެއް ހުއްޓަސް އީމާން ކަމާއި އިސްލާމް ކަމުގެ ރުކުންތައް ގާއިމް ކުރާ އިސްލާމުންނަށް ވީތީއެވެ. ޔަމަނުގެ ޒައިދީ ޙޫޘީންނާއި ، ލުބުނާންގެ ޙިޒުބުﷲ ގެ ކިބައިން ވެސް އެ ފެންނަނީ މި ސިފަ ތަކެވެ. މިޒަމާނުގެ ސުންނީ ގައުމު ތަކުގެ ތެރެއިން މިފަދަ މާތް ޙަގީގީ އިސްލާމީ ސިފަތައް ވަރުގަދަޔަށް ހުރި ބަޔަކީ ފަލަސްޠީނުގެ (ޚާއްޞަކޮށް ޣައްޒާގެ) ހިތްވަރުގަދަ ، މާތް ، ޢިއްޒަތްތެރި ، އީމާންތެރި އަހުލު ވެރިންނެވެ. މި ދެތިން ހަތަރު ބައި މީހުންނަށް މުޅި ދުނިޔެއާއި އަދި އިސްލާމީ އުންމަތް ތާއީދު ކުރަނީ މިފަދަ ސަބަބު ތަކަށްޓަކައެވެ.
މި ދެންނެވި ހަތަރު ބައި މީހުން އެއްބަޔަކު އަނެއް ބަޔަކާއި ގުޅެނީވެސް މި ސިފަތައް ހުންނާތީއެވެ.
އާދެ، އިނގިރޭސި މުޙާވިރާ ގައި ބުނާހެން "އެއް ބާވަތެއްގެ ދޫނިތައް އުދުހޭނީ އެކީގައެވެ." މިޔާއި ޚިލާފަށް ސުންނީ މުސްލިމް ފަލަސްޠީނުގެ ޙަމާސް ގެ މުޖާހިދުން "މަންހަޖަށް" ނުފެތޭ ކަމުގައި ބުނެ ، އެމެރިކާ ގެ ކާފަރުންނާއި އެއްބައިވެ އެއްގަލަކަށް އެރުމުން ބުނެވޭނީ ދިވެހި ހަރު ބަހުގައި ބުނާހެން "ލަނޑަޔާ ވާނީ ލަނޑަޔާ އެވެ."
ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.