Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ކައުންސިލް އިންތިހާބުން ރަނގަޅު ނަތީޖާއެއް ލިބޭނެ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރަނގަޅު ނަތީޖާއެެއް ލިބޭނެކަމުގެ އުންމީދު އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ މިއަދުގެ ޕްރެސްގައި ކުރެވުނު ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ އެ އިންތިހާވުގައި ވަކި ޕަސެންޓެއް ލިބިދާނެ ކަމަށް ވިދާޅުވާން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ހޮވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އިންތިހާބުގައި ޕީއެންސީ އަށް ލިބޭނެ ނަތީޖާ ޕާޓީގެ ފަރާތުން ކޮންމެ ދުވަހަކު ވެސް ލަފާކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ލަފާކުރަނީ އިންތިހާބު ކާމިޔާބު ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ބޭނުން ވަނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ބަޔަކު ކަމަށާއި އިންތިހާބުގައި ވޯޓްދޭ އިރު، އެކަމަށް ރައްޔިތުން ރިއާޔަތް ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު ޕާޓީ އަށް ނިސްބަތްވާ ބަޔަކު ކައުންސިލްތަކަށް ހޮވުމަކީ ތަރައްގީގެ ކަންކަން ބާރަށް ކުރިއަށް ގެންދަން ވަރަށް ބޮޑަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީގެ ފަރާތުންނެވެ. މި އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެ ޕާޓީގެ ފަރާތުން މުޅި ރާއްޖޭގައި ވަރަށް ފޯރީގައި ކެމްޕޭން ކުރަމުންނެވެ.