ވަކި ހާލަތްތަކެއްގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ލިބޭނެ އިންތިޒާމު އަންނަ މަހުން ފެށިގެން ހަމަޖައްސަން ނިންމަައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިއަދުގެ ޕްރެސްގައި ވިދާޅުވީ އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް ނުލިބުމަކީ ރައްޔިތުންގެ ގިނަ ދުވަސްވީ ކަންބޮޑުވުންތައް އޮތް ކަމެއް ކަމަށެވެ. އެހެންވެ ވަކި ހާލަތްތަކެއްގައި އެމްބިއުލާންސް ހިދުމަތް އާސަންދަ މެދުވެރިކޮށް ފޯރުކޮށް ދިނުމަށް ސަރުކާރުން ނިންމީ، އެކަމުގައި ވަރަށް ގިނަ މަޝްވަރާތައް ކުރުމަށް ފަހު، ފަންނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.
އެގޮތުން އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހިދުމަތް ލިބޭނެ ހާލަތްތަކެއް ވަނީ ވަނީ ހިއްސާ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމަޖަންސީގައި ބަލިމީހަކު އުފުލުން، މައްޔިތަކު އުފުލުން،އެނދުމަތިވެފައިވާ މީހަކު އުފުލުން، ވީލްޗެއާގައި ގެންގުޅޭ މީހުން އައުޓް ޕޭޝަންޓު ފަރުވާއަށް ގެންދިއުން، ޖިސްމާނީ އަދި ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އައުޓް ޕޭޝަންޓު ފަރުވާއަށް ގެންދިއުން، ސިއްހީ މަރުކަޒެއްގައި އެދުމަތިކުރެވިފައިވާ މީހަަކު އެހެން ތަނަކަށް ގެންދިއުން ރާއްޖެއިން ބޭރަށް ފަރުވާއަށް ގެންދާ މީހުން ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދިއުން އަދި ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުން އައުޓް ޕޭޝަންޓް ފަރުވާއަށް ގެންދިއުމެވެ.
ރައީސް ވިދާޅުވީ މި ހުރިހާ ހާލަތްތަކެއްގައި އެމްބިއުލަންސްގެ ހިދުމަތް އާސަންދަ މެދުވެރިކޮށް ހަމަޖެހޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ މާލީ ގޮތުންނާއި ތަންފީޒީ ގޮތުން ބަލަން ޖެހޭ ހުރިހާ ކަމަކަށް ބެއްލެވުމަށް ފަހު ކަމަަށް ވިދާޅުވި އެވެ.
"މިއީ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ދިމާވާ ލުއިތަކެއް ބޭނުންވެފައި އޮތް ކަމެއް. އަޅުގަނޑު ޔަގީންކުރަނީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ލުއިތަކެއް ލިބޭނޭ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން މިހާރު އަންނަނީ އެމްބިއުލާންސް ނެތް ރަށްރަށަށް އެމްބިއުލާންސް ވެސް ފޯރުކޮށް ދެމުންނެވެ.