ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އަމާޒުކޮށްގެން ވަޒީފާތައް ބަހައި އިސްރާފު ނުކުރައްވާ ކަމަށާއި އިންތިހާބާ ގުޅުވައި ރަށްރަށުގެ ތަރައްގީގެ ނަމުގައި ކަޑަތައް ވެސް ޖަހަމުން ނުދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ މިއަދުގެ ޕްރެސްގައި ކުރެވުނު ސުވާލަކާ ގުޅިގެން ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް އިއުލާން ކުރަމުން އަންނަނީ އެ ކުންފުނިތަކުން ކުރިއަށް ގެންދާ އަދި ކުރިއަށް ގެންދަން ހަވާލުވެފައިވާ މަޝްރޫއުތަކަށް ކަމަށެވެ. އެހެންވެ މި ދަނޑިވަޅުގައި ވަޒީފާތައް އިއުލާން ކުރުމަކީ އިންތިހާބާ ގުޅުވައި ގިނަ ބަޔަކަށް ވަޒީފާ ދޭން ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އިސްރާފެއް ނުކުރަން އިނގޭތޯ. އަދި ކެމްޕެއިނާ ގުޅިގެނެއް ނޫން މަޝްރޫއުތަކަށް މުވައްޒަފުން ނަގަނީއެއް. އަޅުގަނޑު ކުރީ ދުވަހުވެސް އެ ސުވާލަށް ހަގީގަތުގައި ޖަވާބު ދިނުން." ރައީސް ވިދާޅުވި އެވެ. "އެމްޓީސީސީއާ ހަވާލު ކުރެވިފައި ހުރި ވަރަށް ގިނަ މަޝްރޫއުތަކަކީ، އެއްބައި މަޝްރޫއުތަކަކީ ސަރުކާރު އައި އިރުގައިވެސް ހުރި މަޝްރޫއުތަކެއް."
ރައީސް ވިދާޅުވި ގޮތުގައި މި ދަނޑިވަޅުފައި ވަޒީފާތަކަށް މީހުން ނެގުމާއި މަޝްރޫއުތައް ފެށުން ފަދަ ކަންކަމަކީ އިންތިހާބަކާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ކަންކަން ކުރިއަށް ގެންދަނީ އޮންނަ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް ކަމަށާއި އެއްވެސް ކަމެއް އުސޫލުގެ ބޭރުގެ ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިންތިހާބާ ދިމާކޮށްފައި ކުއްލިއަކަށް ގޮސް ކަޑަ ޖަހައިގެން އެކަހަލަ ކަމެއް ނުހުންނާނެ. މިހެން ބޭރު ތެރެއިން ބަލާލާއިރުގައި، މިހެން ބޭރުފުށުން ބަލާއިރު ތި ވިދާޅުވި ކަހަލަ ގޮތަކަށް ސިމިލަރިޓީސްތަކެއް ހުއްޓަސް، ޑީޓެއިލްކޮށް ބައްލަވާލައްވައިފިއްޔާ ފެނިވަޑައިގަންނަވާނެ މިއިން ކޮންމެ މަޝްރޫއެއް މިއީ ކޮންއިރަކު ކިހިނެއް ފެށިފައި އިން މަޝްރޫއެއްތޯ." ރައީސް ވިދާޅުވި އެވެ.