Last Updated: June 5, 06:06
Friday, June 5, 2026
ރިޕޯޓް

ޤަޛުފު ކުރުމަކީ ބޮޑު ފާފައެއް!

ޢިއްފަތްތެރި އަންހެނުންގެ އަބުރާ ބެހުމާއި، ޒިނޭގެ ތުހުމަތު އެޅުވުމަކީ (ޤަޛްފު ކުރުމަކީ) ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ސުންނަތާއި އަދި ދަންނަބޭކަލުންގެ އިޖުމާޢުން ޙަރާމްކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެކެވެ. މިކަން ޙަރާމްކުރައްވައިފައިވާކަން ކީރިތި ޤުރްއާނުން ސާބިތުވާ ދަލީލަކީ މާތް ﷲ ގެ މި ވަޙީބަސްފުޅެވެ.

﴿وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَٰئِكَ هُمُ الْفَاسِقُونَ﴾‏ (سورة النور 4)

މާނައީ: "عفّة ތެރި އަންހެނުންނަށް قذف ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން قبول ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، فاسق ންނެވެ."
ސުންނަތުން ފެންނަން އޮތް ދަލީލަކީ ރަސޫލާ صلى الله عليه وسلم ގެ މި ޙަދީޘްފުޅެވެ.

(اجْتَنِبُوا السَّبْعَ الْمُوبِقَاتِ، قَالُوا: وَمَا هُنَّ يَا رَسُولَ اللَّهِ؟ قَالَ: الشِّرْكُ بِاَللَّهِ وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلاتِ.) (مُتَّفَقٌ عَلَيْهِ)

މާނައީ: "ހަލާކުކޮށްލަނިވި ބޮޑު ހަތް ފާފައަކުން ތިޔަބައިމީހުން ރައްކާތެރިވެ ދުރުހެލިވާށެވެ!" މިފަދައިން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވުމުން، އެއީ ކޮން ކަންތައްތަކެއްތޯ ޞަޙާބީން ސުވާލު ދެންނެވިއެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. "އެއީ މާތް ﷲ އަށް ޝިރުކުކުރުމާއި، ސިޙުރު ހެދުމާއި، ޝަރުޢީ ހަމަޔަކާ ނުލައި މީހުން މެރުމާއި، ރިބާ ކެއުމާއި، ޔަތީމުންގެ މުދަލަށް އަރައިގަނެ އެ ކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިލައިގެން ދިއުމުގެ އިތުރުން، ފާފަތަކުން ދުރުހެލިވެގެންވާ މުއުމިން ޢިއްފަތްތެރި އަންހެނުންގެ ބޮލުގައި ޒިނޭގެ ދޮގު އިލްޒާމު އެޅުވުމެވެ."

އިޖުމާޢަށް ބަލާއިރު، އިބްނު ޤުދާމާ ފަދަ ގިނަ ޢިލްމުވެރިން ވަނީ މިކަމުގެ މައްޗަށް އުންމަތުގެ ދަންނަބޭކަލުން އިއްތިފާޤުވެވަޑައިގަންނަވާކަން ބަޔާންކުރައްވައިފައެވެ. "މުޣްނީ އަލްމުޙްތާޖް" ގެ މުޞައްނިފު "ޤަޛްފު" މާނަކުރައްވައިފައިވަނީ، މީހަކަށް އިހާނެތިކޮށް ހިތުމުގެ ގޮތުން ނުވަތަ ލަދުގަންނަވާލުމުގެ ނިޔަތުގައި ޒިނޭގެ ތުހުމަތު އެޅުވުމެވެ.

ޤަޛްފު ނުވަތަ ޒިނޭގެ ތުހުމަތު އެޅުވުން ބެހިގެންވަނީ ތިން ބަޔަކަށެވެ. އެއީ: ސަރީޙަ (ސީދާ ބަހުން)، ކިނާޔަތް (އިޝާރާތުން)، އަދި ތަޢުރީޟު (މާނަފުން ނުސީދާ ބަހުން) އެވެ. އައްޝިރްބީނީ އެކަލޭގެފާނުގެ "އިޤްނާޢު" ކިޔާ ފޮތުގައި މި ތިން ބާވަތުގެ މިންގަނޑުތައް ބަޔާންކުރައްވަމުން ވިދާޅުވެފައިވެއެވެ. "ޤަޛްފު ކުރުމަށް ބޭނުންކުރާ ލަފުޒަކީ، އެހެން މާނައަކަށް ފުރުޞަތު ނެތް ސާފު ސީދާ ލަފުޒެއް ނަމަ އެއީ "ސަރީޙަ" އެވެ. އެހެން ނޫން ނަމަވެސް، އެ ބަހުގެ އަސްލު ބޭނުންކުރެވޭ ގޮތުން ޤަޛްފުގެ މާނަ ދޭހަވާ ނަމަ އެއީ "ކިނާޔަތް" އެވެ. މި ދެބައިން ކުރެ ބަޔަކަށް ނުވާ ނަމަ އެއީ "ތަޢުރީޟު" އެވެ.

ޤަޛުފުގެ ޙުކުމް: މާތް ވަޙީ ކުރައްވައިފައިވެ އެވެ. ‎

﴿وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَٰئِكَ هُمُ الْفَاسِقُونَ﴾‏ (سورة النور 4)

މާނައީ: "عفّة ތެރި އަންހެނުންނަށް قذف ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން قبول ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، فاسق ންނެވެ."

ޤަޛްފުގެ ޙައްދު ޝަރުޢު ކުރެއްވުމުގެ މަތިވެރި ޙިކުމަތްތަކުގެ ތެރޭގައި ހިމެނެނީ:

1. އެކަކު އަނެކަކަށް ފާޙިޝް ޢަމަލުތަކުގެ ތުހުމަތު އަޅުވައި، އަބުރަށް އަރައިގަތުން ހުއްޓުވުން.
2. މީސްތަކުންގެ އަބުރާއި ޢިއްޒަތް ރައްކާތެރިކޮށް، އެމީހުންގެ ނަމާއި ކަރާމާތް ހަޑިވިޔަނުދީ ހިމާޔަތްކުރުން.
3. މީސްތަކުންގެ މެދުގައި ޢަދާވާތްތެރިކަމާއި ނަފްރަތު އުފެދުން މަނާކުރުން؛ އަދި އަބުރަށް އަރައިގަތުމުގެ ސަބަބުން މުޖުތަމަޢުގައި އުފެދިދާނެ ބޮޑެތި ފިތުނަތަކާއި ހަނގުރާމަތަކުން ސަލާމަތްވުން.
4. މުޖުތަމަޢުގެ ތެރޭގައި މިފަދަ ހުތުރު ވާހަކަތައް ފެތުރި، މީސްތަކުންގެ ކަންފަތްތަކަށް މިފަދަ އަޑުތައް އިވުމުން މުޖުތަމަޢު ސާފުތާހިރުކޮށް ބޭއްވުން.
5. މުއުމިނުންގެ މެދުގައި ފާޙިޝް ކަންކަން ފެތުރުން ހުއްޓުވުން؛ އެހެނީ، އެކަކު އަނެކަކަށް ފާޙިޝް ޢަމަލުތަކުގެ ތުހުމަތުކުރުން ގިނަވެ، އެފަދަ ވާހަކަތައް އަޑުއިވުން އާންމުވެ، އެއީ ދޫމައްޗަށް ފަސޭހަ ކަމަކަށް ވެއްޖެނަމަ، ނުބައި މީހުން ފާފަތަކަށް އަރައިގަތުމަށް ޖެހިލުންކުޑަވެ، އެފަދަ ކަންކަމަށް މަގުފަހިވެގެންދެއެވެ.

ސަޢުދި ޢަރަބިއްޔާގެ اللجنة الدائمة للإفتاء ގެ (22/76) ފަތުވާގައި ބަޔާން ކޮށްފައިވެއެވެ. "މުސްލިމަކު އޭނާގެ އަޚާއަށް ގަޛުފުކުރުމަކީ (އެބަހީ: ޒިނޭގެ ތުހުމަތު އެޅުވުމާއި އަބުރަށް އަރައިގަތުމަކީ) ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އެއީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެފަދަ ކަމެއް ކުރެވިއްޖެ ނަމަ، އެކަމުން ތައުބާވުމާއި، ބަދުބަސް ބުނެވުނު ނުވަތަ އަބުރަށް އަރައިގަނެވުނު މީހާގެ ކިބައިން މަޢާފަށް އެދުން ވާޖިބުވެގެންވެއެވެ. އަދި އެ މީހަކު މަޢާފު ނުކޮށްފި ނަމަ، ޝަރުޢީ ހަމަތަކުގެ މަތިން އޭނާގެ ޙައްޤު ހޯދުމަށް އެދުމުގެ ފުރިހަމަ އިޚްތިޔާރު އެ މީހަކަށް ލިބިގެންވެއެވެ."

(ކަންކަމުގައި ތައުފީޤު ދެއްވަނީ ﷲ އެވެ. އަދި އަޅަމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށާއި، އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ." (ޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ ބިން ބާޒް… ޝައިޚް ޢަބްދުއްރައްޒާޤް ޢަފީފީ… ޝައިޚް ޢަބްދު ބިން ޣުދައްޔާން)

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.