އަންނަ މަހުން ފެށިގެން 10ރ. އާ ނޫޓްގެ އާ ޗާޕެއް ދައުރު ކުރަން ނިންމައިފި އެވެ.
ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަނީ ނޫޓްތަކީ ރަންދިހަ ފަހެއްހެ ނަމުގައި 2015 ގައި ތައާރަފުކުރި ޒަމާނީ އަދި ސެކިއުރިޓީ ފީޗާތައް ވަރުގަދަ ޕޮލިމާ ނޫޓެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ 10ރ. ގެ ނޫޓްގެ އާ ޗާޕެއް ގެނެސްފައިވާތީ އެ ނޫޓް އަންނަ މަހުގެ 1 އިން ފެށިގެން އިގުތިސާދުގެ ތެރޭގައި ދައުރު ކުރަން ފަށާނެ ކަމަށެވެ. މަރުކަޒީ ބޭންކުން ބުނީ 10ރ. ގެ ނޫޓަކީ ދަށް ޑިނޯމިނޭޝަންގެ ނޫޓަކަށްވާތީ ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް އާންމުކޮށް 10ރ. ގެ ނޫޓު ބޭނުންކުރާ މިންވަރު ގިނަ ކަމަށެވެ. އޭގެ ސަބަބުން ނޫޓު ހަލާކުވާ މިންވަރު އިތުރު ކަމަށާއި، ފައިސާގެ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށް އާންމުކޮށް އެ ނޫޓު ބޭނުންނުކުރާތީ، އެ ނޫޓަކީ ބޭންކުތަކުން ވެސް ފައިސާ ޖަމާކުރުމުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުލިބޭ ނޫޓެއް ކަމަށް ކަމަށެވެ.
"ރަންދިހަ ފަހެއް" ސީރީޒް ތައާރަފުކުރި ފަހުން މިއީ 10ރ. ގެ ނޫޓް ޗާޕްކުރި ތިންވަނަ ފަހަރެވެ. ފުރަތަމަ ޗާޕްކުރީ، 2015 ގަ އެވެ. އަދި ދެވަނަ ފަހަރަށް ޗާޕްކުރީ 2018 ގަ އެވެ.
އެމްއެމްއޭ އިން ބުނީ 10ރ. ގެ ނޫޓްގެ އާ ޗާޕްގައިސޮއިކޮށްފައި ވަނީ މިހާރުގެ ގަވަރުނަރު އަޙްމަދު މުނައްވަރު ކަމަށެވެ. އަދި މި ނޫޓުގައި ހިމަނާފައިވާ ތާރީހަކީ ޖުލައި 31، 2025 އެވެ. އާ ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެ އެވެ. އެގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައި ވާނީ، ނޫޓުގެ މޫނުމަތީގެ ވައަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އެވެ.
އެމްއެމްއޭ އިން ޗާޕުކޮށްގެން ނެރޭ 10ރ. ރުފިޔާގެ ނޫޓާއެކު މިހާރު ބޭނުންކުރަމުން އަންނަ 10ރ. ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށެވެެ.