އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ސިޓީއެއްގެ މޭޔަރުންގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އޭނަ ވިދާޅުވީ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާ އެކު ކައުންސިލްގެ ހުރިހާ ގޮނޑިތައް ނަގައި، މި ސަރުކާރު ސުމަކުން ބަލިކުރާނެ ކަމަށެވެ.
ގަޕޯ ވިދާޅުވީ އައްޑޫގެ މޭޔަރުކަން މިހާރު ވެސް ހުންނެވި އަލީ ނިޒާރާއޮ އޭނާގެ ޓީމު ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި މާލޭގެ މޭޔަރު އާޒިމް ދެވަނަ ދައުރަކާ އެކު މާލެ ސިޓީ ކައުންސޮލްގެ ގޮނޑިތައް ވެސް އެމްޑީޕީން ބޮޑު އަޣުލަބިއްޔަތަކުން ހޯދާނެ ކަމަށް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު ވެސް ފުވައްމުލަކުގެ ހުންނެވި އިސްމާއީލް ރަފީގާއި ތިނަދޫގެ މޭޔަރަކަށް ހުންނެވި ސައުދު ވެސް މަގާމު ދިފާއު ކުރެއްވުމުގެ އިތުރަށް އެ ސިޓީތަކުގެ މެޖޯރިޓީ އެމްޑީޕީން ނަގާނެ ކަމަށް ގަޕޯ ވިދާޅުވ އެވެ.
"އަޅުގަނޑުމެން މި ނަގަނީ ރާއްޖޭގެ ހުރިހާ ސިޓީތަކެއް ބޮޑުކޮށް. ނަގައި ކުޑަކަކޫ މައްޗަށް ތިރިކުރާނަން. މިއީ ދިވެހި ރައްޔިތުންގެ ގައުމެއް." އޭނަ ވިދާޅުވި އެވެ.
ގަޕޯ ވިދާޅުވީ މި ސަރުކާރަކީ "ގިނިކާ ދޫންޏެއް" ކަމަށާއި ރައްޔިތުންގެ ހައްގުތައް ފޭރެމުންދާ މި ބައިގަނޑު ބަލިކޮށް، ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށް އެމްޑީޕީން ނުކުމެ އޮތީ ސާބިތުކަމާ އެކީގައި ކަމަށެވެ.