Last Updated: June 6, 21:54
Saturday, June 6, 2026
ޚަބަރު

ސައިކަލު ސްކޭމް މައްސަލައިގައި ކިންގްސްޓަން އަށް ދައުވާ

ކިންގްސްޓަން: ފޮޓޯ މިހާރު

ސައިކަލު ވިއްކާ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން ތަހުގީގު ފުރިހަމަކުރުމަށްފަހު މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.

މި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި އެ ކުންފުނީގެ ވެރިޔާ ޕޯލާގްރޭސް / ދ.ބަނޑިދޫ، އަޙްމަދު ޢާޠިފް ޙަސަން (38އ) ގެ މައްޗަށެވެ.

މި މައްސަލައަކީ 2023 ނޮވެމްބަރު މަހުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސްގެ ފަރާތުން ސައިކަލް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވިގެން އޯގަސްޓް 8، 2024 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލާގައި ޖުމްލަ 158 މީހެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764.00 ރުފިޔާ އާއި 8,398.18 ޑޮލަރު ނަގާފައިވާކަން ތަހުގީގަށް ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަ މިހާރު އޮތީ ޕީޖީ އޮފީހުގައި ދައުވާކުރުމުގެ މަރުހަލާގަ އެވެ.