Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

މޫދަށް ކުނިއަޅާ މީހުން ޖޫރިމަނާކުރަން ތައްޔާރުވަނީ

ރަށްރަށުގެ މޫދަށާއި ގޮނޑުދޮށަށް ކުނިއަޅާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އަޅަން ގަވާއިދެއް އެކުލަވާލަން މަސައްކަތް ކުރަމުންދާ ކަމަށް ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ގަވާއިދު އެކުލަވާލައި ނިމުމުން އަތިރިމައްޗާއި މޫދަށް ކުނިއަޅާ މީހުން ޖޫރިމަނާ ކުރަމުންދާނެ ކަމަށެވެ. އަދި މިފަދަ ގަވައިދެއް އެކުލަވާލަނީ ބަޔަކަށް އަދަބު ދިނުމުގެ ބޭނުމުގައި ނޫން ކަމަށާއި ބޭނުމަކީ ހޭލުންތެރިކުރުން ކަމަށް ތޯރިގު ވިދާޅުވި އެވެ.

"ނަމަވެސް މަދު ފަހަރެއްގައި އަދިވެސް އެބަ ދިމާވޭ މޫދަށް ކުނިއެޅުން. ރަށްރަށުގައި ކުނިއަޅަން ނުޖެހޭ ތަންތަނަށް ކުނިއެޅުން، ގޮނޑުދޮށަށް ކުނިއެޅުން. މިކަންތައްތައް ކުރާ މީހުން އަޅުގަނޑުމެން މި ގަވައިދުގެ ދަށުން ލަޔަބަލް ކުރުވާނަން. އަދި ޖޫރިމަނާ ކުރަންޖެހޭ ނަމަ ޖޫރިމަނާ ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދޭތެރެއަކުން މޫދަށް ކުނިއަޅާ މައްސަލަ ފެންމަތިވަމުން އަންނައިރު މިކަމަކީ ވަރަށް ހަރުކަށިކޮށް ބަލަހައްޓައި ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށާއި އެގޮތުން ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާއި ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބަލަހައްޓަން ޖެހޭ ކަމަށްވެސް ތޯރިގު ވިދާޅުވި އެވެ.