Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ރެފަރެންޑަމްގައި ފާހަގަ ޖަހަންވީ ގޮތް ބުނެދޭން ގޮވާލައިފި

ހުސްނުއްސުއޫދު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކީގައި ބޭއްވުމާ މެދު ނަގާ ރެފެރެންޑަމް ވޯޓުގައި ފާހަގަ ޖަހަންވީ ގޮތް ރައްޔިތުންނަށް ބުނެދޭން އިލެކްޝަންސް ކޮމިޝަނަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ގޮވާލައިފި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ރެފަރެންޑަމްގައި ފާހަގަ ޖަހަންވީ ގޮތް (ވޯޓު ބާތިލު ނުވާނެ ގޮތަށް) ކޮންމެ ރަށެއްގެ ކައުންސިލުގެ އިދާރާގެ ބޭރު ފާރުގައި އިއުލާނެއް ތަތްކޮށްގެން ބުނެދިނުމަށާއި އަދި މާލޭގެ މަގުތަކުގެ ފާރުގައި އިއުލާނު ތަތް ކޮށްދިނުމަށް އެދޭ ކަމަށެވެ.

އެގޮތުން އާންމު ރައްޔިތުންނަށް ހަދަންވާ ގޮތެއް ނޭނގިގެން އެތައް މިތަނުން ގުޅަމުންދާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ދުސްތޫރީ ޒިންމާ އަދާކުރެއްވުމަށް ސުއޫދު ވަނީ ގޮވާލާފަ އެވެ.

އިދިކޮޅު އެމްޑީޕީއިން ދަނީ ފެންނަ ނުފެންނަ ވޯޓަށް "ނޫނެކޭ" ބުނެ ޖަލްސާތަކާއި ކެމްޕއިން ހަރަކާތްތައް ހިންގަމުންނެވެ. ނަަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޑިމޮކްރަސީގެ ސިފައެއް ކަމަށާއި އިންތިހާބު ގިނަވުމަކީ ހަރަދު ބޮޑުވެ އަދި ގައުމުގެ ހަމަޖެހުން ގެއްލޭ ކަމެއް ކަމަށް ބުނަމުންނެވެ.