ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކުރާ އިތުރު 1،190 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް" އިން ހިންގާ މި މަޝްރޫޢަކީ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުކެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.
މި މަޝްރޫއުގެ ދަށުން މިދިޔަ ހަފުތާއެއްހާ ދުވަސްތެރޭ ވަނީ 1,706 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާފަ އެވެ. އަދި މިރޭ ބިންގާ އެޅި އިތުރު 1,190 ހައުސިން ޔުނިޓާއެކު ޖުމްލަ 2,896 ޔުނިޓްގެ ބިންގާ އަޅައި ވަނީ މަސައްކަތް ފަށާފަ އެވެ.