މި ސަރުކާރަށް ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފޭސް ދޭއްގައި އަޅާ އިތުރު 1،190 ފްލެޓުގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މުއްތަލިބް ވިދާޅުވީ މި ސަރުކާރަށް ބޯހިޔާވަހިކަމަކީ އިންސާނިއްޔަތަށްޓަކާ ކޮށްދޭންޖެހޭ ކަމެއް ކަމަށާއި އެއީ ސިޔާސީ ކަމެއް ނޫން ކަމަށެވެ.
އެގޮތުން މަގާމުގެ ހައިސިއްޔަތުން ނިކަމެތި ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރުމަކީ ޒާތީ ކަމެއް ކަމަށާއި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ އެންމެ ޕްރޮގްރާމަކަށް ނޫން ކަމަށް މުއްތަލިބު ވިދާޅުވި އެވެ. މުޖުތަމައުގެ އެކި ގިންތިތަކަށް ހޯދައިދޭން ޖެހެނީ އެކި ހައްލު ކަމަށާއި ބޭންކުން ލޯނު ނަގައިގެން އަމިއްލަ ބޯހިޔާވަހިކަމެއް ފުރަތަމަ ފަހަރަށް ގަންނަ ފަރާތްތަކަށް ހެޔޮ އަގުގައި ގަންނަން ލިބޭނެ މަގު މާ ލަސްތަކެއް ނުވެ ފަހިވެގެންދާނެ ކަމަށްވެސް މުއްތަލިބު ވިދާޅުވި އެވެ.
އަދި ކުޑަ އާމްދަނީ ލިބޭ އާއިލާތަކަށް ލީސްޓް އޯން މޮޑެލްގެ ދަށުން ސޯޝަލް ހައުސިންގެ ގޮތުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް ފްލެޓް އިމާރާތްކުރުމަށް ފެށިފައިވާ ކަމަށާއި، ހާލުގައި އުޅޭ ފަރާތްތަކަށް ޚާއްސަ އުސޫލަކުން އިސްކަންދީގެން ބޯހިޔާވަހިކަން ލިބޭނެ މަގުފަހިކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މާޒީގެ ތަޖުރިބާއަށް ބަލާއިރު ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ އާއިލާތަކަކީ ބޯހިޔާވަހިކަމުގެ އާންމު ސްކީމްތަކުން ފުލެޓް ނުލިބޭ ފަރާތްތައް. ބައެއް ފަހަރު އެ ފަރާތްތަކަށް އުސޫލުތަކެއް ނޭނގޭ، ރަނގަޅު މައުލޫމާތެއް ނުލިބޭ، ބޭނުންވާ އެހީތެރިކަމެއް ނުލިބޭ، ނޫނީ ބޭނުންވާ ލިޔެކިޔުންތައް ހަމައެއް ނުކުރެވޭ،" މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ، ވަރަށް ގިނަ ފަހަރަށް އެފަދަ މީހުންނަކީ ބާކީވެފައިވާ، ހަވާސާކޮށްފައިވާ މީހުން ކަމަށެވެ. އޭގެ ސަބަބުން، ދިރިއުޅުމުގެ ދަތިތަކާ އެއްކޮށް، ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކަށް އެދި ފޯމުލުން ވެސް އޮންނަނީ ނުވާ ވަރު ކަމަކަށް ވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ނިކަމެތި މީހުންނަކީ އެންމެ ނުފެންނަ މީހުންނަށްވާ ކަމަށާއި ނަމަވެސް މި ސަރުކާރުން އެކަން ގަބޫލުކުރަން ބޭނުންނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވެ ޕްރައޯރިޓީ ސޯޝަލް ހައުސިން ރެޖިސްޓާއެއް ހެދުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވިގެން، އެކަމުގެ އިދާރީ މަސައްކަތްތައް މިހާރު ވަނީ ފެށިފައި. އޯގާތެރި ސަރުކާރަކުން ނިކަމެތިން އެހީއަށް އެދި އާދޭސްކުރުން ހުއްޓުވަން ކެނޑިނޭޅި މަސައްކަތް ކުރާނެ،" އޭނާ ވިދާޅުވި އެވެ.
"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.
މި މަޝްރޫއުގެ ދަށުން މިދިޔަ ހަފުތާއެއްހާ ދުވަސްތެރޭ ވަނީ 1,706 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާފަ އެވެ. އަދި މިރޭ ބިންގާ އެޅި އިތުރު 1,190 ހައުސިން ޔުނިޓާއެކު ޖުމްލަ 2,896 ޔުނިޓްގެ ބިންގާ އަޅައި ވަނީ މަސައްކަތް ފަށާފަ އެވެ.