* ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި އަދާކުރުން
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެ އެވެ؛
مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ.”
މާނައީ: “ޢިޝާ ނަމާދު ޖަމާޢަތުގައި އަދާކޮށްފި މީހާ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގާ އަޅުކަންކުރި ފަދަ އެވެ. ފަތިސް ނަމާދު ޖަމާޢަތުގައި އަދާކޮށްފި މީހާ މުޅި ރޭގަނޑު އެއްކޮށް އަޅުކަން ކުރި ފަދަ އެވެ.”
އެހެންކަމުން ޖަމާޢަތުގައި ނަމާދު ޤާއިމުކުރުމަށް ސަމާލުކަން ބަހައްޓަން ވާނެ އެވެ. ޚާއްޞަ ގޮތެއްގައި ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި އަދާކުރުމަށެވެ.
* މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތްކުރުން
ރަސޫލާ ސައްލަﷲ އަލައިހި ވަޞައްލަމް ހަދީޘް ކުރައްވާފަވެއެވެ. “މެންދުރު ނަމާދުގެ ކުރިން ކުރެވޭ ހަތަރު ރަކުއަތަކީ ދަމު ނަމާދާއި އެއްފަދަ އެއްޗެކެވެ.” (ޞަޙީޙު ޖާމިޢު)
* ރޭގަނޑު ޤުރްއާނުން ސަތޭކަ އާޔަތް ކިޔެވުން
މާތް ﷲ ރުއްސުންލެއްވި ތަމީމުއްދާރީގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “ރޭގަނޑު ސަތޭކަ އާޔަތް ކިޔައިފި މީހާ އަށް އެރޭ ރޭ އަޅުކަންކުރިކަމުގެ ދަރުމަ ލިޔުއްވާނެއެވެ.” (ރަވާހު ތިރުމިޒީ)
* ރޭގަނޑު ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔެވުން
މާތް ﷲ ރުއްސުންލެއްވި އިބްން މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “ރޭގަނޑުގެ ވަގުތެއްގައި ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔަވައިފި މީހަކަށް އެކަން ފުދިގެންވެއެވެ.” (ޞަހީހް ބުޚާރީ) މިހަދީޘް ޝަރަޙަ ކުރައްވަމުން އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ފުދިގެންވެއެވެ” އޮތް ބަހުގެ މުރާދަކީ އެރޭ ރޭއަޅުކަން ކުރުމުން ފުދިގެންވާ ވާހަކައެވެ. އަދިވެސް މިބަހުގެ މުރާދުގައި ބުނެވިގެންވެ އެވެ، އެމީހަކަށް ޝައިޠާނާގެ ކިބައިން ފުދިގެންވެ އެވެ.
މީގެ އިތުރުން ހުރިހާ އާފާތްތަކުން ސަލާމަތްވުމަށް ފުދިގެންވުމާއި މި ހުރިހާ ކަމަކުން ފުދިގެންވުން މި ބަހުގެ މުރާދު ކަމުގައި ބުނެވިގެންވެ އެވެ.
ރިވެތި އަޚްލާޤް
މާތް ﷲ ރުއްސުންލެއްވި ޢާއިޝާ ރަޟިޔަﷲ އަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާތީ ތިމަންކަމަނާ އަޑުއެއްސެވީމެވެ. “މުއުމިނަކު އޭނާގެ ކިބައިގައިވާ ރިވެތި އަޚްލާޤުގެ ސަބަބުން ރޭއަޅުކަންކުރާ އަދި ދުވާލު ރޯދައަށް ހުންނަ މީހެއްގެ ދަރަޖައަށް އުފުލިގެން ދެއެވެ.” (މިހަދީޘް އަލްބާނީ ރަޙިމަހުﷲ ޞައްހަކުރައްވާފައިވެއެވެ.)
* ހުވަފަތް އަންހެނުންނާއި މިސްކީނުންނަށް އެހީތެރިވުމުގައި އުޅުން
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވެވިއެވެ. “ހުވަފަތް އަންހެނުންނާއި މިސްކީނުންނަށް ޚިދުމަތްކުރުމުގައި އުޅޭ މީހުން ﷲ ގެ މަގުގައި ޖިހާދުކުރާ ނުވަތަ ރޭއަޅުކަންކުރާ ނުވަތަ ދުވާލު ރޯދައަށް ހުންނަ މީހުންނާއި އެއްފަދައެވެ.” (ޞަހީހް ބުޚާރީ)
* ނިދުމުގެ ކުރިން ރޭ އަޅުކަން ކުރުމަށް ނިޔަތް ގަތުން
މާތް ﷲ ރުއްސުންލެއްވި އަބޫދަރްދާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވެވިއެވެ. “ރޭއަޅުކަން ކުރުމުގެ ނިޔަތުގައި ނިދާ، ނިދި ގަދަވެގެން ދަމު ނަމާދަށް ހޭނުލެވިއްޖެނަމަ އޭނާ އެ ނިޔަތްގަތް ކަންތައް ކުރި މީހެއް ފަދައިން ލިޔުއްވޭނެތެވެ. އޭނާގެ ނިންޖަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކިބައިން ދެއްވި ޞަދަޤާތެކެވެ.” (ރަވާހު ނަސާއި އަދި އިބްން މާޖާ)
* ރޭއަޅުކަމާއި އެއްފަދަ ޖަޒާ ލިބެނިވި ޢަމަލުތައް އެހެން މީހަކަށް ދަސްކޮށް ދިނުން
މިފަދަ ހެޔޮ ޢަމަލުތައް އެހެން މީހަކަށް ދަސްކޮށްދިނުމަކީ ތިބާއަށް ރޭއަޅުކަންކުރާ މިހާއަށް ލިބޭ ދަރުމަ ލިބޭނެ ކަމެކެވެ. އެހެނީ ހެޔޮކަމަކަށް މަގު ދައްކައިފިމީހާ އެކަންކުރި މީހަކާއި އެއްފަދަކަމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފަވެ އެވެ.
ވީމާ މި މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށް ދެއްވާށެވެ.
ނޯޓް: މިއީ ޝައިޚް އަޙްމަދު ޙުސައިންގެ ލިޔުއްވުމެކެވެ.