Last Updated: June 5, 17:41
Friday, June 5, 2026
ޚަބަރު

ހިޔާ ފްލެޓުތަކުގެ 2 އަހަރުގެ ކުލި ކަނޑާލައިފި

ހުޅުމާލޭގެ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީ) އިން ކަނޑާލައިފި އެވެ.

އެ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާންމުން ކޮށްފައިވާ ޚަރަދު އަނބުރާ ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ވެސް އެވެ.

އެހެންވެ އެކަން ތަންފީޒުކުރާނެ ގޮތުގެ ތަފްސީލް ހާމަކޮށް، ހިޔާ ފްލެޓްތަކުގެ ވެރިންނަށް މިދިޔަ ހަފުތާގައި އެޗްޑީސީން ސިޓީ ފޮނުވާފައިވެ އެވެ. އެ ސިޓީގައި ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000ރ ގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އުނިކުރަން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު ހަމަކުރުމަށް، ކުރިއަށް އޮތް ދެ އަހަރު ވެސް އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް މެއިންޓައިނަންސް ފީގެ ގޮތުގައި ކޮންމެ މަހަކުވެސް 1،000ރ. ދައްކަން ޖެހޭނެ އެވެ.

ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984ރ. އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އާ އެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4،984ރ އެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިދިޔަ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ޖޫރިމަނާތައް ވެސް ސަރުކާރުން މާފުކޮށްދީފައިވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިހާ ހިޔާ ފްލެޓްތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.