ފްލައިޓްގައި ދަތުރު ކުރަން ވަރަށް ބިރުގަންނަ ކަމަށާއި އެކަމުން އަރައިގަނެވޭތޯ ތެރަޕީ ނަގަން ނިންމާފައިވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފް ބުނެފި އެވެ.
ޔޫޓިއުބާ ލިލީ ސިންގް އަށް ދިން އިންޓަވިއުއެއްގައި ވަރުގަދަ އެކްޝަން ތަރި ބުނީ ފްލައިޓްތަކުގައި ދަތުރު ކުރަން ބިރު ގަންނަ އެންމެ ބޮޑު ސަބަބަކީ ދަތުރުމަތީގައި ބޯޓްތައް ތެޅޭތީ ކަމަށެވެ. އެގޮތުން މީގެ އަހަރުތަކެއް ކުުރިން އެފަދަ ބިރުވެރި ތަޖުރިބާއެއް ކުރެވުނު ފަހުން، ފްލައިޓްތަކުގައި ދަތުރު ކުރަން ގަންނަ ބިރު އިތުރަށް ބޮޑުވެފައިވާ ކަމަށް ޓައިގާ ބުންޏެވެ.
އޭނަ ބުނީ ވައިގެ މަގުން ދަތުރު ކުރުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ގަބޫލު ވެސް ކުރާ ކަމަށެވެ. އެކަމަކު ފްލައިޓަކަށް އަރަން ޖެހިއްޖެ ނަމަ، އެ ގަންނަ ބިރު ނުފިލާ ކަމަށް ބުންޏެވެ. އަދި ދަތުރެއް ޕްލޭންކޮށް، އެ ދަތުރަކަށް ފުރުމުގެ ދެތިން ދުވަސް ކުރިން ފެށިގެން ވެސް ބިރު ގަންނަން ފަށާ ކަމަށް ޓައިގާ، 36، ބުންޏެވެ.
"މި ބިރު ފިލާތޯ ވަރަށް ގިނަ ފަހަރު މަތިން ހުންނާނެ ޕައިލެޓުންނާ ވެސް ވާހަކަ ދައްކާފައި. އެކަމަކު ހަމަ އެއްގޮތަކަށް ވެސް އެ ބިރު ފިލާ ގޮތެއް ނުވޭ،" މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅު ބުންޏެވެ. "އެހެންވެ މިހާރު ޕްލޭންކޮށްގެން މި ހުރީ މި ބިރު ފިލުވުމަށްޓަކައި ތެރަޕީ ނަގަން."
ޓައިގާ ބޮލީވުޑަށް ނުކުތީ 2014 ގެ "ހީރޯޕަންތީ" އިންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބާގީ 4" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލަގް ޖާ ގަލޭ" އާއި "ވަޖްރާ" ހިމެނެ އެވެ.