އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި ސިއްހީ މަރުކަޒުތަކުގައި ބޭނުން ކުރާ އަސާސީ ބައެއް ތަކެތި ހުސްވެ އެކަމުގެ ޝަކުވާތައް ބޮޑުވެއްޖެ އެވެ.
އެގޮތުން ހޮސްޕިޓަލާއި އައްޑޫގެ އެކި އަވަށްތަކުގެ ސިއްހީ މަރުކަޒުތަކަށް ވަނީ ލެބަށް ބޭނުންވާ ބައެއް ސާމާނާއި މެޑިކަލް ކޮންޒިއުމަބަލްގެ އިތުރުން ޓިޝޫ އާއި ކަރުދާސްތަށި ފަދަ ތަކެތި ހުސްވެ އެކަމުގެ ދަތިކަކާ ކުރިމަތިލާން ޖެހިފަ އެވެ. އެނގިފައިވާ ގޮތުގައި މިފަދަ ތަކެތީގެ ތާށިކަން ކުރިމަތިވެފައި އޮންނަތާ މިހާރު މަހެއްހާ ދުވަސް ވަނީ ވެފަ އެވެ.
މީގެ އިތުރުން އޭއީއެޗްގައި އެކަށީގެންވާ ވަރަށް ނަރުހުން ނެތުމުގެ ޝަކުވާތައް ވެސް އާންމުން ދަނީ ކުރަމުންނެވެ.
މިކަމާ ގުޅިގެން އެތަންތަނުން ހިދުމަތް ހޯދާ މީހުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ވެސް މެނޭޖްމަންޓާ އެކި ފަހަރު މަތިން ހިއްސާކޮށްފައިވެ އެވެ. އަދި މި ވާހަކަ ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރަމުންނެވެ.
މީގެ ކުރިން އައްޑޫގެ ސިއްހީ މަރުކަޒުތައް ހިންގަމުން އައި އޭއީއެޗްގެ ދަށުން ކަމަށް ވިޔަސް މިދިޔަ މަހުގެ 1 އިން ފެށިގެން ސިއްހީ މަރުކަޒުތައް އަލުން ހެލްތު މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.
ސިއްހީ މަރުކަޒުތަކުން ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނި ގޮތުގައި، މި ގެނައި ބަދަލާ ގުޅިގެން ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އަސާސީ ތަކެތި ހޯދަން މިނިސްޓްރީގައި އެދެމުން ދިޔަ ނަމަވެސް މިނިސްޓްރީން އެކަމަށް އެއްވެސް އިޖާބައެއް ނުދޭ ކަމަށެވެ. އެހެންވެ އެތަންތަނަށް ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ހޯދުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް މުވައްޒަފުން ބުންޏެވެ.
އާދައިގެ މިފަދަ ކުދިކުދި މައްސަލަތަކާ ހެދި އައްޑޫގެ ސިއްހީ ދާއިރާ އަށް ބުރޫ އަރަމުންދާ އިރު، އޭއީއެޗްގެ ސީއީއޯ ވެސް މި ދަނޑިވަޅުގައި ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރު އެ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް އައްޔަންކުރި މެޑިކަލް ޑޮކްޓަރު، ޑރ. އިބްރާހީމް ޔާސީރު މަގާމުން ވަކިކޮށް، އެ މަގާމަށް މިހާރު ވަނީ ސިއްހީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅަކު އައްޔަންކޮށްފަ އެވެ.
އެއީ ކުރިން ސްކޫލް ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރެއްވި ޑރ. އަހުމަދު އަދީލް ނަސީރެވެ. އޭނަ އެންމެ ފަހުން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.