Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

ރިތިކް ދަރިޔަކު ފިލްމު މޭކިން ކިޔަވަން އެމެރިކާ އަށް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ރިތިކް ރޯޝަންގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅު ރިދާން ރޯޝަން ފިލްމު މޭކިން ކިޔަވަން އެމެރިކާ އަށް ހިނގައްޖެ އެވެ.

މީޑިއާތަކުން ބުނީ އުމުރުން 17 އަހަރުގެ ރިދާން ފިލްމު އެންޑް ޓެލެވިޝަން ޕްރޮޑަކްޝަން ދާއިރާ އިން ކިޔަވާނީ ސަދަން ކެލިފޯނިއާ ޔުނިވަސިޓީ (ޔޫއެސްސީ) އިން ކަމަށެވެ. އެތަނާ ގުޅުން ހުރި އިންސްޓަގްރާމް އެކައުންޓަކުން ރިދާން އަށް މަރުހަބާ ވެސް ކިޔާފައިވެ އެވެ.

ޔޫއެސްސީ އަކީ މިހާރު ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައިވާ މަޝްހޫރު ތަރި، ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ވެސް ކިޔެވި ޔުނިވަސިޓީ އެވެ.

ފިލްމު މޭކިން ދާއިރާ އިން ކިޔަވަން ރިދާން ޔޫއެސްސީއާ ގުޅުނު އިރު، އޭނަ އަކީ ކުރިއަށް އޮތް ތަނުގައި ބޮލީވުޑުން ފެންނާނެކަމުގެ ޔަގީންކަން އޮތް ޒުވާނެއް ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މަރުހަބާ ކިޔާފައިވެ އެވެ.

ރިތިކްގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅަކީ މިހާރު 20 އަހަރުގެ ރެހާން ރޯޝަނެވެ. ރެހާން އާއި ރިދާންގެ މަންމަ އަކީ ވެސް ފިލްމީ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އެއީ ކުރީގެ އެކްޓަރު ސަންޖޭ ޚާން ދަރިފުޅު ސުޒޭން ޚާނެވެ. ސުޒޭން އަކީ އެކްޓަރު ޒައިދު ޚާންގެ ދައްތަ އެވެ.

ރިތިކާއި ސުޒޭންގެ ކައިވެނި 2014 ގައި ވަނީ ރޫޅާލައިފަ އެވެ. ނަމަވެސް ދެ ކުދިންގެ ކަންކަމުގައި އެ މީހުން އަބަދު ވެސް އެއްވަރަކަށް ހިއްސާވެ އެވެ.

ވަރަށް ގިނަ ބައެއްގެ ސަމާލުކަން ރިތިކް ޒުވާން ދަރިންނަށް މިހާރު ހުއްޓިފައިވާ އިރު، ދާދި ފަހުން ބޭއްވި އާއިލީ ކައިވެނި ހަފުލާއެއްގައި ރިތިކް ދެ ކުދިންނާ އެކު ނަށާ މަންޒަރު ފެންނަ ވީޑިއޯއެެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ވަރަށް ބޮޑަށް ވައިރަލްވި އެވެ.